2022ވަނަ އަހަރުގައި ޤަތަރުގައި ބޭއްވަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓުބޯޅަ މުބާރަތް، ވާރލްޑްކަޕް ބަލަންދާ މީހުންނަށް، ކޯވިޑް19 ވެކްސިންޖެހުން ލާޒިމު ކުރުމަށް ވިސްނަމުންދާކަމަށް، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގައުމުކަމުގައިވާ ޤަތަރުން ބުނެފިއެވެ.
ގަތަރުގެ ނޫސްތަކުގެ އެޑިޓަރުންނަށް މައުލުމާތު ދެއްވަމުން، ޤަތަރުގެ ބޮޑުވަޒީރު، ޝެއިޚް ޚާލިދު ބިން ޚަލީފާ ބިން އަބުދުލްއަޒީޒް އަލް ތާނީ ވިދާޅުވި ގޮތުގައި، އެގައުމުން މިހާރު މަސައްކަތް ކުރަމުންދަނީ، މި މުބާރާތް ބެލުމަށް އެގައުމަށް ޒިޔާރަތް ކުރާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކާ، އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ހޯދުމަށެވެ.
"ފީފާ ވާރލްޑްކަޕް 2022 ފެށުމަށް ހަޖެހިފައިވާ ތާރީޚާ ހަމައަށް ދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ވާނީ، އެގައުމުތަކުގެ މުޅި އާބާދީއަށް ވެކްސިން ދީ ނިންމާފަ،" ޝައިޚް ޚާލިދު ވިދާޅުވިކަމަށް ޤަތަރުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.
"އެހެންނަމަވެސް، އެހާތަނަށް ދާއިރުވެސް ބައެއް ގައުމުތަކުން އެގައުމުތަކުގެ ބައެއް ރައްޔިތުންނަށް ވެކްސިން ޖަހާ ނިންމާ ނުލެވި ތިބެދާނެތީ، ގަތަރުން ވެކްސިން ނުޖަހާ އެއްވެސް މީހަކަށް މެޗްތައް ބެލުމަށް ވަނުމަށް ހުއްދައެއް ނުދޭނެ."
ޤަތަރުގައި މިހާތަނަށްވަނީ، ކޯވިޑް19އަށް ޕޮޒިޓިވް ވެގެން 585 މީހުން މަރުވެ، 220,800 މީހަކުވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މެދުއިރުމަތީގައި ބޭއްވޭ ފުރަތަމަ ވޯރލްޑް ކަޕް ޤަތަރުގައި ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
"ފީފާ ވާރލްޑް ކަޕަށް ޤަތަރަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންވާނެ އެއް މިލިއަން ޑޯޒުގެ ވެކްސިން ހޯދުމަށް އަހަރެމެން މިހާރު މިދަނީ ކުންފުންޏަކާ ވާހަކަ ދައްކަމުން،" ޝެއިޚް ޚާލިދު ވިދާޅުވިއެވެ. "ވެކްސިން ނުޖހާ ތިބި މީހުންނަށް ވެކްސިން ޖެހުމުގެ ބޭނުމަކީ، އާންމު ސިއްޙަތަށް ރައްކަތެރިވުމާއި، ކޯވިޑްގެ ނުރައްކަލުން އާންމު ރައްޔިތުން ރައްކާތެރިކުރުން."
ޤަތަރުގެ ބޮޑިވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން ފީފާއިންނާއި އަދި ޤަތަރުގައި ބާއްވާ ވާރލްކަޕް އިންތިޒާމްކުރާ ފަރާތަތަކުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ