ނަފްރަތު ބިލާއިމެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނަފްރަތު ބިލާއިމެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2021 02:01
0

ނަފްރަތު ބިލު ޤާނޫނަކަށްވާއިރު ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިން ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރައްވާފައެވެ. ބައްދަލު ކުރެއްވުމަށްފަހު އަދާލަތު ޕާޓީން ކުރި ޓްވީޓުގައި ބުނެފައިވަނީ މިބައްދަލުވުމުގައި ބިލާއިމެދު ހުރިކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައިވާކަމަށެވެ.

އަދި މިހާރު ބިލާއިމެދު ދީނީ ޢިލްމުވެރިންނާއި، އާންމު ރައްޔިތުންނާއި، ކައުންސިލްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހު، މިކަންކަމަށް ހައްލު ލިބިދޭނެ ގޮތަކަށް މިބިލް ޤާނޫނަކަށް ވާއިރު ވެގެންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ނަފްރަތުގެ ކުށާއި ގުޅޭ ގޮތުން މަޖިލިސް އަށް ހުށަހަޅާފައިވާ ބިލާއިމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ހިއްސާ ކުރެވިއްޖެ. މިބިލް ޤާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި.

– އަދާލަތު ޕާޓީން ބުނެފައިވެއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިބިލާއިމެދުގިނަބައެއްގެ ކަންބޮޑުުވުން ހުރިއިރު މިކަމުގައި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައިނުބެއެވެ. މިހާތަނަށް މިކަމުގައި ރައީސުލްޖުމްހޫރިޔާގެ ވިސްނުން ހުރި ގޮތެއް ކިރިޔާވެސް ސާފުވެގެން މިދިޔައީ މިއަދު އަދާލަތުން ބޭއްވި ބައްދަލުވުމަށްފަހު ކުރި ޓުވީޓުންނެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި މެމްބަރު ޙިސާން ހުސައިން  މި ބިލާގުޅޭގޮތުން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.