މުޅި ރާއްޖޭގެ ރައްޔިތުން އެއްއަޑަކުން ގޮވަމުންދަނީ ނަފްރަތުގެ ބިލަކީ ކަމުދާ ބިލެއް ނޫންކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅައްވާފައިވަ ބިލާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލްތަކުން، ދަނީ ބަޔާން ނެރެމެންނެވެ. އަދި މިބިލާއި ދެކޮޅަށް ބައެއް ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިބިލާއިމެދު އޮތް ދެކޮޅު ވެރިކަން ހާމަވާއިރު މިކަމާއިމެދު ވިސްނަން ޖެހޭކަމަށެވެ. ލާދީނީ ފިކުރަކީ ދިވެހިން ޖާގަދޭން ބޭނުންވާ ފިކުރަކަށްނުވާއިރު، އެފިކުރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތަށް ދިވެހިން ޖާގަ ނުދޭނެކަން މިކަމުން ހާމަވާކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
މުޅިޤައުމު އެއްއަޑަކުން ގޮވަނީ ތިޔަބިލް ކަމަކު ނުދެޔޭ! ލާދީނީ ފިކުރާ ދެކޮޅޭ! އިސްލާމްދީން އެކީ ބަދަލު ކޮށްލުމަކީ ވަރަށް އުނދަގުކަމެއް! މިހެންވެ އިސްލާމުންނާ ޢަދާވާތްލައިގެން އުޅޭ ހުޅަނގު މީހުން ޕްލޭން ކުރަނީ އިސްލާމީ ޤައުމުތަކުން ފަހަރަކު ޝިޢާރެއް ނައްތާލަން! މީ މިކަން ހިނގާގޮތަކީ!
– އަލީ ޒައިދު ވިދާޅުވިއެވެ.
މި ބިލާއިދެކޮޅަށް މިހާތަނަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަޔާން ނެރެމުންދައިރު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންވެސް ދަނީ މިބިލާ ދެކޮޅަށް ޝުއޫރު ފާލުކުރުމުންނެވެ. ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ. ކޮމެޓީން ރޭބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވަނީ މިބަލަކީ މަޖިލީހުން ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާ ބިލަކަށްވުމުން ބިލްގެ މަސައްކަތް ވީހާވެސް އަވަހަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ނިންމާފައިވާކަމަށެވެ.
އާންމުކޮށް ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތްކުރާއިރު، އާންމުންގެ ޚިޔާލަށް ހުޅުވާލައެވެ. ނަމަވެސް މިބިލަށް ޚިޔާލު ހޯދުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދުމަށެވެ.
ގިނަ އާންމު ރައްޔިތުންނާއި، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، ދީނީ އިލްމުވެރިންގެ ބޮޑު ކަންބޮޑުވުންތަކެއް މިބިލާއިމެދު އޮތްނަމަވެސް ކޮމިޓީން އެކަމަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައި ނުވެއެވެ. އަދި މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯދުމަށްވެސް ނިންމާފައި ނުވެއެެ. ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ