ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅުގައި އުޅެވޭނެ މީހުން ކޮމިޓީން ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅި ބިލު މަޖިލީހުގެ 241 ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
މަޖިލިސް ރައީސްގެ އާއިލާގެ ގޮތުގައި ހިމަނައިފައި ވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންގެ އިތުރުން މަންމަ އާއި ބައްޕައެވެ. ނަމަވެސް ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް ހިމެނޭގޮތަށް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދިރިއުޅެވޭނެ ގޮތަށް އިސްލާހު ގެންނަން ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.
އެގޮތަށް އެ އިސްލާހު ގެންނަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގޮތުގައި ވެސް އެގޮތަށް މިހާރު ވެސް އޮތުމުން ތިންބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ އިރު ހަމަހަމަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް 241 ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވެއެވެ.
މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރުގެ ދިރިއުޅޭ ރަސްމީ ގެއަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މިބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ.
ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ހުންނަ ގޯޅިއަށް ރަސްމީ ކާރުކޮޅު ނުވެއްދޭތީ އެކަމުގެ ކަނބޮޑުވުން ސަލާމަތީ ބާރުތަކުން ފާހަގަ ކޮށްފައިވަނިކޮށެވެ. އަދި އެ ގޯޅީގައި ޕާކުނުކުރޭވެ އިންތިޒާމު ހަމަޖައްސާދޭން އެދިފައިވަނިކޮށް ކަމަށްވެސް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. މި ހަމަލާއަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ހަނި ގޯޅީގައި ޕާކުނުކުރެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ