އެއްވެސް މުސްލިމަކާއި ދިމާލަށް އޭނާއަކީ ހަރުކަށި ފިކުރުގެ މީހެކޭ، ޓެރަރިސްޓެކޭ ބުނެވޭނަމަ، ލާދީނީ މިހެކޭ ނުބުނެވެންވީ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު ބިލާއި ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި ދީނީ އިލްމުވެރިން ބުނަމުންދަނީ މިބިލަކީ އެއްގޮތަކަށްވެސް ކަމުދާ ރަނގަޅު ބިލެއް ނޫންކަމަށެވެ. އިލްމުވެރިން ވަނީ ބިލުގަައި ހުރި ކަންބޮޑުވުންތައް ރައީސް ޞާލިހާއިވެސް ހިއްސާ ކުރައްވާފައެވެ. އަނެއްކޮޅުން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ލާދީނީ ކިއުމާ ދެކޮޅަށް ގެންދަނީ ހާއްސަ ކެމްޕެއިނެއް ކުރައްވަމުންނެވެ.
މުސްލިމަކާއި ދިމާލަށް ވަކި މީހަކު ބޭނުންވުމުން އެމީހަކު ބޭނުންވާ އެއްޗެއް ކިޔޭނަމަ އަނެކާއަށްވެސް އޭނާ ބޭނުންވާ އެއްޗެއް ކިޔުމުގެ ފުރުސަތު ނޯންނަންވީ ސަބަބެއް ނެތްކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފައެވެ. އިސްލާމްދީނާ ޚިލާފަށް ކަނޑައެޅިގެން އަމަލުކުރާ މީހުންނާއި، ދީނާއި ޚިލާފް ކަންތައްތައް ކުރާ މީހުންނާއި ދިމާލަށް އެއީ ދީނާ ޚިލާފް މީހުންނޭ ނުބުނެވެންވީ ސަބަބެއް ނެތްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ، އެކްސްޓްރީމިސްޓެކޭ، ޓެރެރިސްޓެކޭ ބުނެވޭނަމަ އަނެކާއާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ، އިސްލާމްދީނާއި ޚިލާފަށް ޢަމަލުކުރާ މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް.
– އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް ދީނާއިމެދު ސުވާލު އުފެދޭ ގޮތަށް އެއްވެސް ޤާނޫނެއް ހެދުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މިއީ އެއްގޮތަކަށްވެސް ދެކޮޅުވެސް ޖެހޭ ކަމެއްނޫންކަމަށެވެ.
ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައި އޮއްވައި އެހެން ގާނޫނެއްގައި މީހަކާ ދިމާލައް އޭނާއަކީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ކުށަކަށް ހެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ނަފްރަތު ބިލާއި ދެކޮޅަށް ގިނަ ދީނީ އިލްމުވެރިންނާއި، ކައުންސިލްތަކާއި، އާންމުން ޝުޢޫރު ފާޅު ކުރަމުން ދިޔަނަމަވެސް ސަރުކާރުން މިބިލް ނެގުމާއިމެދު އެއްވެސް ވިސްނުމެއް މިހާތަނަށް ގެން ގުޅެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ