ފަރުވާ ލަސްވެގެން ނިޔާވި ކުޑަކުއްޖާ، ފާޠިމަތު މިޝްކާގެ މަރުގެ މައްސަލާގައި ހެލްތް މިނިސްޓްރީން ތައްޔާރު ކުރި އެއްވެސް ރިޕޯޓެއް ހިއްސާ ނުކުރުމުން، މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްއާރުސީއެމުން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
"ރާއްޖެޓީވީ"ގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ މެމްބަރު މޫމިނާ ވަހީދު ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން ފުރަތަމަ ތައްޔާރުކުރި ރިވިއު ރިޕޯޓް ވެސް ރަސްމީކޮށް ކޮމިޝަނާ ހިއްސާކޮށްފައި ނުވާ ކަމަށާއި، ފަހުން ތައްޔާރު ކުރި ޑީޓެއިލް ރިޕޯޓް ވެސް ލިބިފައި ނުވާ ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ރިޕޯޓް ހޯދުމަށް އެޗްއާރުސީއެމްގެ ފަރާތުން ލިޔުމުން އެދިފައި ވާނެ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ހެލްތް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ރިޕޯޓުގެ ވާހަކަ ފާހަގަކުރެއްވުމުން، ހެލްތް މިނިސްޓަރ އަހުމަދު ނަސީމް، އެ ރިޕޯޓް ކޮމިޝަނަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ހެލްތް މިނިސްޓްރީން ރިޕޯޓް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ ރޭގައި ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް އާއްމުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެމްބިއުލާންސް އަށް ފުރަތަމަ ގުޅި ގަޑިން ފެށިގެން ގޮސް ދެން އޭގެ ފަހުން އެޗްއީއޯސީން ކަންކުރި ގޮތާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން ހިނގިގޮތް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ރިޕޯޓް ކޮމިޝަނާ ހިއްސާކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.
އެ ރިޕޯޓުގައިވެސް ބޭނުންވާ ވަރަށް ބައެއް މައުލޫމާތުތައް ނެތުމުން އެކަން އަވަސް ކޮށް ދިނުމަށް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާކަން މޫމިނާ ވިދާޅުވިއެވެ. މޫމިނާ ވިދާޅުވި ގޮތުގައި ފުލުހުން ވަނީ މައްސަލަ ނުބަލާކަން މީގެ ކުރިން ކޮމިޝަނަށް އަންގައިފައެވެ. އެހެންވެ ތަހުގީގުކޮށް ދޭން މިހާރު ފުލުުހުގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެޗްއާރްސީއެމުން ވިދާޅުވީ، ކޮމިޝަންގެ ތަހުގީގު ވެސް އަވަސް ވެގެންދާނީ ރިޕޯޓް ލިބުމުން ކަމަށެވެ.
މިދިޔަ މަހުގެ 28 ގައި ނެގި ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނު މިޝްކާގެ ހާލު ސީރިއަސްވެ ނިޔާވީ މި މަހުގެ ދެ ވަނަ ދުވަހުގެ ރެ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ވާން ފެށުމުން އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އެދުމުން ވެސް އެކަން ކޮށްދީފައި ވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންކަން ހެލްތު މިނިސްޓްރީގެ ރިވިއުން އެނގެއެވެ.
މޫމިނާ ވިދާޅުވީ، ރިވިއު ރިޕޯޓު ވެސް ރަސްމީކޮށް އެޗްއާރުސީއެމާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރިޕޯޓު ފޮނުވާނެ ކަމަށް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވިއަސް އެކަން ވެސް މިހާތަަނަށް ތަންފީޒު ނުކުރައްވާ ކަމަށް މޫމިނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ