2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމަށް ބާއްވާ ތަމްރީން ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރަކަށްވާއިރު، ޚަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުންކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެގޮތުން ޕްރިއަރަޓައިޒްކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކޮށް، މިވަގުތަކީ ބޭނުންވިޔަސް, ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފަ. 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް $2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ. މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން. 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީމި.
– މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކައުންސިލަރުންނަކީ، ކައުންސިލްތަކުގެ މާލިއްޔަތު ބެލެހެއްޓުމުގައި މުހިއްމު ޒިންމާތަކެއް އަދާ ކުރައްވާ ބޭފުޅުންނަށްވާއިރު އެކަންތައްތަކަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަކީ މުހިއްމުކަމެއް ކަމަށެވެ. ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްގެ އަސާސްތަކުގެ މަތީގައި، މާލީ ހިންގުން ހަރުދަނާކުރުމަކީ ކޮންމެ ކައުންސިލަރެއްގެ އަދި ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމުގައި ދެކި، މާލީ ހާމަކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތުގައި ޚަރަދުކުރުމާއި، ޚަރަދުތައް އޮޑިޓްކުރުމާއި، އޮޑިޓުން ފެންނަ ކަންކަން އިސްލާހު ކުރުމަކީ އަބަދުމެ ކުރަން ޖެހޭ ކަންތައްތަކެއްކަމަށް އަމީރު ވިދާޅުވިއެވެ.
އަޅުގަނޑު މި މަޤާމާ ހަވާލުވެ މިވީ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދިނީ ދެފުށް ފެންނަ ހާމަކަން ބޮޑު މާލީ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ހެދުން. އެގޮތުން މާލިއްޔަތާ ގުޅޭ ހުރިހާ މައުލޫމާތެއް މި މިނިސްޓްރީގެ ވެބްސައިޓްގައި ކޮންމެ ހަފްތާއަކު ޝާއިއު ކުރެވެމުންދޭ. މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އާއި ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އުފައްދާ އެ ދެކޮމެޓީ މިނިވަންކަމާއެކު ދަނީ ހިނގަމުން. ވަޅުޖެހިފައި އޮތް ދައުލަތުގެ އިންޓާނަލް އޮޑިޓްގެ ނިޒާމް ކޮޅަށް ޖަހާ އެ މަސައްކަތް ބާރުދުވެލީގައި އެދަނީ ކުރަމުން. މާލިއްޔަތު ޤަވާއިދަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް މި ދަނީ ގެންނަމުން. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން.
– އަމީރު ވިދާޅުވިއެވެ.
ކައުންސިލްތަކާވެސް ސީދާ ގޮތުން ގުޅުންހުރި ގިނަ ކަންތައްތަކެއް މިދިޔަ މުއްދަތުގައި ވަނީ ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކުގެ މާލީ ކަންތައްތައް ވިޔަ މޮޑިއުލްގެ ތެރޭން ކުރެވޭނެ ގޮތް ހަމަޖެހި, ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި ހުރިހާ ރަށަކުން މުވައްޒަފުންވާނީ ތަމްރީންކުރެވިފައިކަމަށެވެ. ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަނޑޭރިޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ޤާއިމްކުރެވި، ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ފަހިވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޕަބްލިކް ބޭންކު އެކައުންޓުގައި ހުރި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުތަކަށް ނިސްބަތްވާ ފައިސާ، ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް ބަދަލުކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ނުދީ އޮއްވާ، އެ ފައިސާ ދިނުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކާއެކު ކުރިން ނެތް އެތައް އެތައް ކަންތައްތަކެއް ކުރުމުގެ ދޮރު ފަހިވެގެންދާާއިރު، އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވަނީ އާމްދަނީ ހޯދުމަށް ވިޔަފާރި ކުރުމަށް ކައުންސިލްތަކަށް ހުޅުވިގެންދާ ފުރުސަތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އުންމީދު ކުރަނީ ކުރިއަށް އޮތް 5 އަހަރަކީ ހުރިހާ ކައުންސިލްތަކަކުންވެސް ސަރުކާރާ ގުޅިގެން ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައަށް ހިންގުމަށް މަސައްކަތް ކުރާނެ ދުވަސްތަކަކަށް ވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ