ނަފްރަތު ބިލާދެކޮޅަށް ހުރިހާ ޕާޓީއެއްގެ މެމްބަރުން ބަޔާންނެރުމަކީ ދީނާއިމެދު އޮތްލޯބި ހަމާވާކަމެއް: އަލީ ރަމީޒު

ނަފްރަތު ބިލާދެކޮޅަށް ހުރިހާ ޕާޓީއެއްގެ މެމްބަރުން ބަޔާންނެރުމަކީ ދީނާއިމެދު އޮތްލޯބި ހަމާވާކަމެއް: އަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2021 11:48
0

ނަފްރަތު ބިލާދެކޮޅަށް ހުރިހާ ޕާޓީއެއްގެ މެމްބަރުން ބަޔާންނެރުމަކީ ދީނާއިމެދު އޮތްލޯބި ހަމާވާކަމެއް ކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ދެކޮޅު ހަދައި ބަޔާންތައް ދަނީ ނެރެމުންނެވެ. މީގެ ތެރޭގައި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި، އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ. ޚާއްސަކޮށް، ދާދިފަހުން އިންތިޚާބުވި ކައުންސިލަރުން މިކަމާއި ދެކޮޅަށް ނެރެމުންދާ ބަޔާންތަކަކީ ގިނަބައެއްގެ ތައުރީފް އާ ކައުންސިލަރުންނަށް ލިބިގެންދިޔަ ކަމެކެއެވެ.

މިބިލާއި ދެކޮޅަށް ބަޔާން ނެރެމުންދާ ކައުންސިލްތަކަށާއި، އާންމު ފަރުދުންނަށް ޝުކުރު ދަންނަވައި އަލީ ރަމީޒު ވިދާޅުވީ މިކަމުން ހާމަވެގެން މިދަނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި ހާމަވާކަމެއްކަމަށެވެ. މިކަމުގައި ވަކި ޕާޓީއެއް ވަކި ފިކުރެއް، ނެތްކަމީ އުފާކުރައްވާކަމެއްކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

ހީތަލްތެރި ސެކިއުލާ ބިލާއި ދެކޮޅަށް ހުރިހާ ޕާޓީއަަކށް ނިސްބަތްވާ މީހުން އަޑު އުފުލަމުން ބަޔާން ތަކުގައި ސޮއި ކުރަމުން ދިއުމަކީ އާދަޔާއި ޚިލާފްކަމެއް. މިއީ ދިވެހި ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯބި ހާމަކޮށްދޭ އަލިގަދަ ހެތްކެއް.

– އަލީ ރަމީޒު ވިދާޅުވިއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ދެކޮޅު ހަދައި ބަޔާން ނެރެމުންދާތީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ސިއްޕެ) ވަނީ ވަރަށް ބޮޑަށް ނުރުހުންވެސް ފާޅު ކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ކައުންސިލްތަކުން ނެރެމުންދާ ބަޔާނަކީ ކައުންސިލް މެމްބަރުންގެ ޚިޔާލާއި ވިސްނުމަށް ނެރެމުންދާ ބަޔާނެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއީ ސަލަފް ޖަމްއިއްޔާއިން އިސްވެ ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ބަޔާންތައް ނެރުމަށް މަސައްކަތް ކުރުމަށްވެސް ޝިފާޒު ވަނީ ދާއިރާތަކުގެ ރައީސުންނަށް ގޮވާލާފައެވެ. އެމްޑީޕީގެ ކައުންސިލުތައް ނެތް ރަށްތަކުގެ ކައުންސިލުތަކުން ވެސް ބަޔާންތައް ނުނެރެ މަޑުޖައްސާލުމަށް މަސައްކަތް ކުރުމަށް ނުވަތަ އެކަމާއި ދެކޮޅަށް އެހެން ކަމެއް ކުރުމަށް މަސައްކަތް ކުރުމަށް ޝިފާޒު ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޝިފާޒު މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގިނަ ކައުންސިލްތަކަކުންވެސް ވަނީ މިބިލާއި ދެކޮޅަށް ބަޔާން ނެރެފައެވެ. އަދި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި، އެމްޑީޕީގެ އާންމު ގިނަ އަދަދެއްގެ މެމްބަރުންވެސް ދަނީ ސޯޝަލް މީޑިއާގައި މިކަމަށް ނުރުހުން ފާޅު ކުރަމުންނެނެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނަ ފުޅު
އައްޔާ އަހަރެންމިއީވެސް އެންޑީޕީ މީހެއް ޕާޓީއައް3000 ހަމަކުރީ މަގަގޭ އައިޑީ ކާޑުވެސް ހިމަނައިގެން ނަމަވެސް މަށައް މުހިންމީ އިސްލާމްދީން ދީނައް ކަމޭނުހިތާބަޔަކައް މަވެސް ކަމޭހިތާކައްނެތީން