ފާއިތުވި ހަފްތާއެއްހާ ދުވަހު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ އިން އެންމެ ގަދައަށް އިވިގެންދިޔަ އަޑަކީ ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ބޮއިކޮޓް ކުރުމަށް ގޮވާލި އަޑުތަކެވެ. އެގޮތުން ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓްވިޓާގައި އެންމެ ޓްރެންޑިން ގައި އޮތް އެއް މައުލޫއަކީ "ބޮއިކޮޓް ކަރީނާ ޚާން" އެވެ.
ޑައިރެކްޓަރ އަލައުކިކް ދޭސާރީގެ އާ ފިލްމުގައި ހިންދޫއިންގެ ދީނުގައި ހާއްސަ ގަދަރެއް ދެވިފައިވާ "ސީތާ"ގެ ރޯލުން ކުޅުމަށް ކަރީނާ ކަނޑައަޅާގައި ވަނީ 12 ކަރޯޑް އިންޑިއާ ރުޕީސްގެ އަގެކެވެ. އާންމުކޮށް ފިލްމުތަކަށް ކަރީނާ ކިޔާ އަގަކީ 6-7 ކަރޯޑް ރުޕީސް އެވެ. އަލައުކިކް މަސައްކަތްކުރަމުންދާ މި ފިލްމަކީ ހިންދޫންގެ މަޝްހޫރު ރާމަޔާގެ ބޮލީވުޑް ރީ ކްރިއޭޝަންއެެކެވެ.
ރިޕޯޓު ލިބިފައިވާގޮތުގައި ކަރީނާ މި ރޯލު ކުޅެން ކިޔާފައިވާ ބޮޑު އަގުގެ ސަބަބުން އިންޑިއާގެ ހާއްސަކޮށް ހިންދޫއިންގެ މެދުގައި ކަރީނާއަށް ވަނީ ނަފުރަތު އުފެދިފައެވެ. މިކަމާއި ގުޅިގެން ޓްވިޓާގައި އޭނާއަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
އެގޮތުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ދަނީ ކަރީނާ ބޯއީ ކޮޓް ކުރުމަށް ގޮވާލާލަމުންނެވެ. އަދި އެހާވަރަށް އަގު ކަނޑައެޅުމުން ދޭހާވަނީ ކަރީނާ އެމީހުންގެ ދީނަށް އިހުތިރާމް ނުކުރާކަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެެވެ.
ބޮލީވުޑް ހަންގާމާއަށް ރިޕޯޓު ލިބިފައިވާގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މިކަމުގައި ކަރީނާ ކަޕޫރާ ބައްދަލު ކޮށްފަ އެވެ. އާންމުކޮށް ކަރީނާ ފިލްމުތައް ކުޅެދޭ އަގަށްވުރެ ދެގުނަ ބޮޑުކޮށް މި ފިލްމަށް އަގު ކިޔުމުން އެންމެން ވެސް ތިބީ ހައިރާންވެފައެވެ. މައްސަލަ ހޫނުވުމުން ފިލްމުގެ ވާހަކަ ލިއުންތެރިޔާ ޖޭވީ ވިޖަޔަންދްރަ ޕްރަސާދް ވަނީ ކަރީނާ އަދި މިރޯލަށް ފައިނަލް ނުކުރާ ކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައެވެ.
އާންމުގޮތެއްގައި މިފަދަ ދީނާއި ސަގާފަތާގުޅޭ ކަންކަމަކީ އިންޑިއާގައި ވަރަށް ހޫނުވާ މައްސަލައެކެވެ. ބައެއްފަހަރު މިފަދަ ކަންކަމުގެ ސަބަބުން ފަންނާނުންނަށް މަރުގެ އިންޒާރުވެސް އައިސްފައި ވެއެވެ.
ބޮޑު ބަޖެޓަކުން ހަދާ މިފިލްމުގެ މުހިންމު ރޯލުތަކުން ތެލަގޫ ސުޕަސްޓަރ މަހޭޝް ބާބޫ އާއި ރިތިކް ރޯޝަން ފެނިގެންދާނެ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ކަރީނާއަށް ހުށަހެޅި ރޯލަށް ދެން ނަގާނެކަމަށް ބޮޑަށް ބެލެވެނީ ދީޕިކާ ޕަޑްކޯން އެވެ.