އިސްރައިލުގެ ބޮޑުވަޒީރުކަން 12 އަހަރުވަންދެން ކުރައްވަމުން ވަޑައިގެންނެވި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައި، އިސްރާއީލު ބޮޑުވަޒީރުކަމާއި އަލަށް ހަވާލު ވެވަޑައިގެންނެވި، ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.
120 ގަޑީގެ މައްޗަށް ހިމެނޭ އިސްރާއީލުގެ ގާނޫނުހަދާ މަޖިލިހުގައި 6 ގޮޑި ކޮންޓްރޯލް ކުރާ ހައްދުފަހަނަ އަޅާފައިވާ ވަތަނީ ޕާޓީއެއްގެ ލީޑަރު ނަފްތާލީ ބެނެޓަށް އިތުބާރު އޮތްކަމަށް ވޯޓު ދީފައިވަނީ 60 މެމްބަރުންނެވެ. އެނާއަށް އިތުބާރު ނެތްކަމަށް 59 މެމްބަރަކު ވޯޓު ދީފައިވާއިރު، ބޮޑުވަޒީރުކަމަށް އޭނާ އައްޔަން ވެގެންދިޔައީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
ހަގީގަތަކަށް ނުހެދޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި، ނަތަންޔާހޫގެ އިދިކޮޅު ކޯލިޝަން އެއްބަސްވުމުގައި ވާގިތުން ބެނެޓް އިސްރާއީލުގެ ބޮޑޫވަޒީރުކަން ކުރައްވާނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެއަށްފަހު، ދެން ކުރިޔަށް އޮންނަ 2 އަހަރު ބޮޑުވަޒީރުކަން ކުރައްވާނީ، ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ ލީޑަރު ޔައިރު ލަޕިޑްއެވެ.
އިސްރާއީލުގެ އާ ކޯލިޝަންގެ ވެރިކަން ފެށުމާއެކު، އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑު ވަޒީރުކަން ކުރި، އަދި ކަނާތުފިގައިގެ ލިކޫޑް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަތަންޔާހޫ ވެވަޑައިގަންނަވާނީ އިސްރާއީލުގެ އިދިކޮޅު ލީޑަރަށެވެ.
އޭނާވަނީ، އިސްރާއީލުގެ ވެރިކަމާ ހަވާލުވާ މިކޯލިޝަނަކީ، ނުރައްކާތެރި އަދި ކޮރަޕްޓް ކޯލިޝަނެއްގެ ގޮތުގައި ސިފަކުރައްވާ، ވަރަށް އަވަހަށް މިކޯލިޝަނުން އުފައްދާ ސަރުކާރު ނިމުމަމަކަށް ގެންނާނެ ކަމަށް ބުނެފައެވެ.
ހަމައެއާއެކު، ނަތަންޔާހޫގެ މައްޗަށް ކުރެވެމުންދާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީއަތް އިސްރާއީލުގެ ކޯޓުތަކުގައި މިހާރުވެސްދަނީ ކުރިޔަށެވެ.
ނަތަންޔާހޫގެ 12 އަހަރުގެ ބޮޑުވަޒީރުކަމަށްފަހު، ނެފްތާލީ ބެނެޓް އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވިއިރު، އޭނާގެ ބޮޑުވަޒީރުކަމުގައި ވެރިކަން ކުރުމަށް އެކުލަވާލެވުނު ކޯލިޝަންގައި ފުރަތަމަ ފަހަރަށްވަނީ، އިސްރާއީލުގެ އާބާދީގެ %21 ހިއްސާކުރާ އަރަބި އިސްރާއީލީ ޕާޓީއެއްވެސް ބައިވެރި ވެފައެވެ.
އެހެންކަމުން، އިސްރާއީލުގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ ނަފްތާލީ ބެނެޓްގެ ބޮޑުވަޒީރުކަމުގައި، ފާއިތުވެދިޔަ ތަނުގައި އޭނާ ފަލަސްތީނާގުޅެގޮތުން ދައްކާފައިވާ ހަރުކަށިވާހަކަ ތަކުންނާއި، އަދި އޭނާ ނިސްބަތްވެފައިވާ ސިޔާސީ ހަރަކާތްތަކަށް ބަލާއިރު، އޭނާގެ ސިޔާސަތުތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް ކުރެވިދާނޭ މާބޮޑު އުއްމީދުތަކެއް އޮތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ