ގްރީސްއިން ހިމާޔަތް ހޯދުމަށް މަސައްކަތް ކުރި 4 ކުޑަކުއްޖަކު، ގްރީސްގައި ހުރި، ޔޫރަޕްގެ އެންމެބޮޑު ރެފިއުޖީ ކޭމްޕުގައި ރޯކޮލިކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ދިފާޢީ ވަކީލުން ބުނެފައިވަނީ،މި 4 ކުޑަކުދިންވެސް ކުށަށް އިންކާރު ކުރިނަމަވެސް، ކުށް ސާބިތުވާ ކަމަށް ނިންމާ ހުކުމް ކޮށްފައިވަނީ، މި ކޭމްޕުގައި ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ.
އަދި ދިފާޢީވަކީލުން މި ހުކުމް ސިފަކޮށްފައިވަނީ ބޭއިންސާފު ހުކުމެއްގެ ގޮތުގައެވެ.
ގްރީސްގެ ލެސްބޮސް އައިލޭންޑުގައި ހުރި، ތޮއްޖެހިފައި އޮތް މޯރިއާ ރެފިއުޖީ ކޭމްޕުގައި ރޯކޮށްލުމުގެ ސަބަބުން ކޭމްޕް އަދާހުރިވެ، 13،000 މީހުން ހާލުގައި ޖެހުނެވެ.
ފާއިތުވި އަހަރުގެ ސެޕްޓޭމްބަރުމަހު މި ކޭމްޕުގައި ރޯވެފައިވަނީ ކޯވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ހާސްކަން އިތުރުވެގެން ގޮސްފައިވާ ދަޑިވަޅެއްގައެވެ.
ދިފާޢީ ވަކީލުންނާ ހަވަލާދީ އޭއެފްޕީ ނޫސް އޭޖެންސީން ބުނެފައިވަނީ، މި ޝަރީއަތް އިންސާފުވެރިކަމަށް ދައުވާލިބޭ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. އަދި ވަކީލުން ބުނެފައިވަނީ، ހުކުމް ކުރެވުނު 4 ކުދިންގެ ތެރެއިން، 3 ކުއްޖަކު ހައްޔަރު ކުރިއިރު، އެކުދިންނަށް 18 އަހަރު ނުފުރޭކަން ސާބިތު ކޮށްދޭ ލިޔެކިޔުންތައް އެކުދިންގެ އަތުގައި ހުރި ނަމަވެސް، ގްރީކް އޮތޯރިޓީތަކުން މިކުދިންނަކީ ކުޑަކުދިންތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އައިލޭންޑް އޮފް ޗިއޯސްގައި ކުރިޔަށްދިޔަ މި ޝަރީޢަތްތަކަށް، ކޯވިޑް19ގެ ނުރައްކަލާހެދި، ނޫސްވެރިންނަށް ވަނުމުގެ ފުރުސަތުވެސް ދެވިފައެއް ނުވެއެވެ.
މިޝަރީއަތް މައިގަޑު ގޮތެއްގައި ކުރިޔަށް ގޮސްފައިވަނީ، ތުހުމަތު ކުރެވޭ ކުދިންގެ މައްޗަށް އަފްއާނިސްތާނުގެ އެހެން މީހުން ދީފައިވާ ހެކިބަހުގެ މައްޗަށެވެ.
މިގޮތުން ތުހުމަތު ކުރެވިފައިވާ މި ކުދިން ބުނެފައިވަނީ، އެކުދިން ފްރޭމް ކޮށްފައިވަނީ، އެކުދިންނަކީ އަފްއާނިސްތާނުގެ ބައިމަދު ނަސްލެއްކަމުގައިވާ ހަޒާރާސް ނަސްލަށް ނިސްބަތްވާ މީހުންކަމުގައި ވާތީކަމުގައެވެ.
މިއަހަރު މާޗްމަހު، އަފްއާނިސްތާނުގެ އިތުރު ދެ ޒުވާނަކުވަނީ، ހަމަ މިމައްސަލާގައި 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
މޯރީ ރެފިއުޖީ ކޭމްޕަކީ، 3،000 މީހުންގެ ޖާގައަށް އަމާޒުކޮށް ހަދާފައިވާ ކޭމްޕަކަށް ވިނަމަވެސް، 2015ވަނަ އަހަރު ގިނަ އަދަދެއްގެ ރެފިއުޖީން މި ކޭމްޕަށް ދާން ފެށުމާއެކު މިކޭމްޕް ހިމެނިގެން ދިޔައީ އާދަޔާ ޚިލާފަށް ތޮއްޖެހިފައި ހުރި ކޭމްޕަކަށެވެ. މިކޭންޕުން ޖާގަހޯދުމަށް ދިޔަ ގިނަ މީހުންނަކީ، މެދުއިރުމައްޗާއި، އެފްރިކާ އަދި ސައުތު އޭޝިއާއަށް ނިސްބަތްވާ މީހުންނެވެ.
މިކޭމްޕް އަދާދިއުމާއެކު، ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތައްޔާރު ކުރެއްވުނު ރެފިއުޖީ ކޭމްޕްގައި 6،000 މީހުންގެ ޖާގަ ހުރެއެވެ. އަދި މިމީހުންނަަށް ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ގްރީކް އައިލޭންޑުގައި މިހާރުވެސް 10،000 ރެފިއުޖީން އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ