ނައިޖީރިއާގައި ޓުވިޓަރ ބޭނުންކުރުން މަނާ ކޮށްފި

ނައިޖީރިއާގައި ޓުވިޓަރ ބޭނުންކުރުން މަނާ ކޮށްފި

Author
ހުސެއިން
05 ޖޫން 2021 09:56
0

ނައިޖީރިއާގެ ސަރުކާރުން ޓުވިޓަރ ބޭނުން ކުރުން އެގައުމުގައި މަނާ ކުރުމާއި ގުޅިގެން، އެގައުމުގެ ޓެލެކޮމް ފާރމްތަކުން ޓުވިޓަރ މުޅި ނައިޖީރިއާގައި ބްލޮކް ކޮށްފައިވަނިކޮށް، ސަރުކާރުގެ މި ނިންމުމާއި ޚިލާފްވާ ފަރާތްތަކާމެދު ވަގުތުން ދައުވާ ކުރުމަށް ނައިޖީރިއާގެ އެޓާރނީ ޖެނެރަލް އަމުރު ކޮށްފިއެވެ.

ނައިޖީރިއާ ސަރުކާރުން ފާއިތުވި ހަފްތާގެ ހުކުރުދުވަހު، ޓުވިޓަރ ބޭނުންކުރުން އެގައުމުގައި މުއްދަތެއް ނެތް ގޮތަށް މަނާ ކޮށްފައިވަނީ، އެގައުމުގެ ރައީސް މުހައްމަދު ބުހާރީ، ނައިޖީރިއާގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ސަރަހައްދުތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއް ޓުވިޓާއިން ޑިލީޓް ކުރުމާއި ގުޅިގެންނެވެ.

"ގައުމުގެ މަސްލަހަތާއި އެއްގޮތަށް.. އަހަރުމެންގެ ހުރިހާ މެމްބަރުންވެސް ނައިޖީރިއަން ކޮމިއުނިކޭޝަންސް ކޮމިޝަންގެ އެންގުމާއި އެއްގޮތަށް ވަނީ އަމަލު ކޮށްފައި،" ނައިޖީރިއާގައި ޓުވިޓާ ޕްލެޓްފޯމް ސަސްޕެންޑް ކުރެވިގައިވާކަން ޔަގީން ކޮށްދެމުން އެސޯސިއޭޝަން އޮފް ލައިސަންސްޑް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރސް އޮފް ނައިޖީރިއާ (ALTON)އިން ބުނެފައި ވެއެވެ.

ނައިޖީރިއާގެ އިންފޮމޭޝަން މިނިސްޓަރު ލައި މުހައްމަދު ހުކުރު ދުވަހު ވިދާޅުވެފައިވަނީ، އެގައުމުގެ ސަރުކާރުން މިގޮތަށް އަމަލު ކޮށްފައިވަނީ، ނައިޖީރިއާގެ ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫ އަރާފަދަ ހަރަކާތްތަކަށް ތަކުރާރުކޮށް މި ޕްލެޓްފޯމުގެ ބޭނުން ކުރެވެމުން ދާތީ ކަމުގައެވެ.

އެހެންނަމަވެސް، މި ސަސްޕެންޝަން ދެމެހެއްޓިގެން ދާނީ، ކޮން އުސޫލަކުން ކަމެއް އޭނާ ހާމަ ކޮށްފައެެއް ނުވެއެވެ.

އެފްރިކާގެ އެންމެ ބޮޑު އިގްތިސާދެއް އޮންނަ، ނައިޖީރިއާގެ ރައީސް ބުހާރީގެ ސަރުކާރުންވަނީ، ފާއިތުވެދިޔަ އަހަރު، އެގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތް ރެގިއުލޭޓް ކުރާނެ ގާނޫނެއްވެސް ފާސްކޮށްފައެވެ.

މިގާނޫނު ފާސްކޮށްފައިވަނީ، ޓުވިޓާރގައި ކުރެވުނު ކެމްޕޭންތަކަށްފަހު، ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެގައުމުގައި ހިގައިދިޔަ މުޒާހިރާތަކަށް ފަހުގައެވެ.

ނައިޖީރިއާގައި ޓުވިޓަރ ބޭނުންކުރުން މަނާ ކުރެވުމާއެކު، އެ ކުންފުނިގެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ޕްލެޓްފޯމު ބޭނުންކުރުން ނައިޖީރިއާގައި މަނާކުރެވިގެން ދިޔަ ދިއުމާމެދު އިންތިހާއަށް ހިތާމަ ކުރާކަމުގައެވެ. އަދި ބުނެފައިވަނީ، ނައިޖީރިއާގެ ރައްޔިތުންނަށް އެޕްލެޓްފޯމު ބޭނުންކޮށްގެން ދުނިޔެއާއި އަލުން ގުޅުން ގާއިމްކުރެވޭނެ މަގު ފަހިކުރުމަށްޓަކާ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

1980ގެ އަހަރުތަކުގައި ނައިޖީއާގައި މިލިޓަރީ ވެރިކަމެއް ކުރި، މިހާރުގެ ރައީސް ބުހާރީއަކީ، އެގައުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އެހެންނަމަވެސް، އޭނާގެ ސަރުކާރުންވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.