ޖަރުމަނުވިލާތުގެ ޞިއްޙަތާއި ބެހޭ ވަޒީރު ޔެންސް ސްޕާނަށް ކޯވިޑް-19 ޖެހިއްޖެއެވެ.
މިކަން ހާމަކުރައްވައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ވަޒީރު މިހާރު ހުންނެވީ ގޭގައި އެކަހެރިވެ ވަޑައިގެން ކަމަށެވެ. އުމުރުން 40 އަހަރުގެ ޔެންސް ސްޕާންގެ ކިބައިން ރޯގާގެ ޢަލާމާތްތައް ފެންނަމުންދާކަމަށްވެސް އެޤައުމުގެ ސިއްޙަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ވަޒީރާއި ބައްދަލުވި މީހުންނަށް ވަޒީރަށް ބަލިޖެހިފައިވާކަން އަންގާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައިވެސް ސްޕާންވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ކެބިނެޓުގެ އެހެން ވަޒީރުން އެކަހެރިވެވަޑައިގަންނަވަން ކޮންމެހެން ނުޖެހޭނެކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ޖަރުމަނުގައި ކޯވިޑް-19 ފެތުރެން ފެށީއްސުރެ ޖަރުމަނުވިލާތުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުންދަނީ ގައިދުރުކަމާއެކު ޖާގައިގެ ގޮތުން ތަނަވަސް ޖަލްސާކުރާ މާލަމެއްގައެވެ. އެހެންކަމުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތަކަށް ފަހުން ކޯވިޑް-19 ޖެހިފައިވާކަން އެނގުނު ނަމަވެސް އެހެން މެންބަރުން އެކަހެރިވާކަށް ނުޖެހޭނެއެވެ.
ޖަރުމަނުވިލާތުގައި މިހާތަނަށް 391،355 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރި މި ބަލީގައި އެޤައުމުން 10،000 މީހުންވަނީ މަރުވެފައެވެ. އަދި މިދިޔަ ހަފުތާގައި އެއް ދުވަސްތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށްވެސް ޖަރުމަނުވިލާތުގައިވަނީ ކޯވިޑް-19 ޖެހިފައެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރެންކު-ވޮލްޓާ ސްޓެއިންއައިއާއާއި ލޭބާ ވަޒީރު ހުބާޓުސް ހީލްހިވެސް ވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާތީ އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް އެ ދެބޭފުޅުން އަދި ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެއް ނުވެއެވެ.