އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނީ އެ ބަނދަރުގެ އަމަލީ މަސައްކަތް މި ހަފްތާގެ ހޯމަ ދުވަހު ނިންމާލާފައި ވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ. އަދި އެއްގަމު ތޮށި ވަށައިގެން 3125 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބާޖާއި އުފުލި ފަދަ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރާއި ކައިރިކުރެވޭނޭހެން ރޭމްޕެއް ހަދާފައިވެއެވެ. މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.
އެހެންކަމުން މި ބަނދަރަކީ ރާއްޖޭގައި އާންމުކޮށް ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބަނދަރު ޑިޒައިން ކޮށްފައިވަނީ މީގެ ކުރިން އެރަށަށް ދިމާވި، ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.
We have successfully completed Design and Build of S. Meedhoo Harbour upgrade project on 31st May 2021. The value of the project is MVR 36.5 million.#MTCCProjects pic.twitter.com/pjLAs9fzXI
— MTCC Plc (@MTCCPlc) June 3, 2021
މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑް އުސޫލުން، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ.