އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން އެގައުމުގެ 11 ވަނަ ރައީސަކަށް، ލޭބާރ ޕާޓިގައި ދިގު ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ސިޔާސީ ބޭފުޅެއްކަމުގައިވާ އައިސާކް ހާރޒޮގް ބުދަ ދުވަހު އައްޔަން ކޮށްފިއެވެ.
އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން އެގައުމުގެ ރައްީސްކަމަށް އާ ބޭފުލަކު އައްޔަން ކޮށްފައި މިވަނީ، އިދިކޮޅު ފަރާތްތަކުން އެއްގަަލަކަށް އަރާ، އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައި ވަނިކޮށެވެ.
އުމުރުން 60 އަހަރުގެ ހާރޒޮގް އިޒްރާއީލުގެ ރައިސްކަމުގެ މަގާމް ކާމިޔާބު ކޮށްފައި މިވަނީ، އެގައުމުގެ ކުރީގެ ހެޑްމިސްޓްރެސްއެއް ކަމުގައިވާ މަރިއަމް ޕެރޭޒްއާއި ވާދަކޮށް، މަޖިލިސް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ހާރގޭޒް އިސްރާއީލުގެ ރައީސްކަމަށް އައްޔަން ކޮށްފައި މިވަނީ 2014 ވަނަ އެމަގާމަށް އައްޔަން ކުރެވުނު ރެއުވެން ރިވްލިންގެ ދައުރު ފުރިހަމަ ވެގެން ދިއުމާއި ގުޅިގެންނެވެ.
އިސްރައީލުގެ ރައީސްކަމުގެ މަގާމަކީ، މައިގަޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. މަގާމަށް ބޭފުޅަކު އައްޔަން ކުރާގޮތަށް ހަމަޖެހިފައި އޮންނަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކެނެސެޓް އިންނެވެ.
އިސްރާއީލްގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބުދަދުވަހު ވޯޓު ނަގާފައި މިވަނީ، އެގައުމުގެ ސިޔާސީ މަސްރަހުގެ ތަފާތު ފިކުރުގެ ސިޔާސީ ޕާޓީތަކުން އެކުވެ، ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް، އާ ސަރުކާރެއް އެކުލަވާލުމަށް، 11 ގަޑިއިރު ވަންދެން ކުރިޔަށްދިޔަ މަޝްވަރާތައް ކުރިޔަށް ދަނިކޮށެވެ.
އިސްރާއިލުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ގާނުނު އަސާސީން ލިބިދީފައި އޮންނަނީ މަދު ބާރުތަކެކެވެ. މިގޮތުން، ރައީސަށް މައިގަޑުކޮށް އޮންނަ ދައުރަކީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އިންތިޚާބަށްފަހު، ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކޮށް، އާ ސަރުކާރު އުފެއްދުމުގެ ދައުވަތު ކެނޑިޑޭޓުންނަށް އެރުވުމެވެ. އިސްރާއީލުގެ ގާނޫނު އަސާސީން ސިޔާސީ ގިނަ ބާރުތައް ދޫކޮށްފައި އޮންނަނީ އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމްގައި ހުންނަވާ ބޭފުޅަކަށެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ރައީސަށް އެގައުމުގެ ކުށްވެރިންނަށް މާފް ދިނުމުގެ ބާރު ލިބިދީފައި އޮވެއެވެ. އެހެންކަމުން، މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި، މިހާރު ދައުވާ ކުރެވެމުންދާނީ، މި ބާރު ބެލެވިގެންދަނީ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ލިބިދީފައި އޮންނަ މުހިންމު ބާރެއްގެ ގޮތުގައެވެ.
ރައީސްކަމުގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ހާރޒޮގް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
އައިސާކް ހާރޒޮގްގެ އެންމެ ފުރަތަަ އިސްރައީލުގެ ގާނޫނުހަދާ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ 2003 ވަނަ އަހަރުއެވެ. އަދި އޭނާގެ ބައްޕަ ކައިމް ހާރޒޮގްއަކީ އިސްރާއީލުގެ 6 ވަނަ ރައީސްއެވެ. ކައިމް ހާރޒޮގްއަކީ، އިސްރާއީލުން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
އައިސާކް ހާރޒޮގްއަކީ، ފަލަސްތީނާއި އިސްރާއީލު މިނިވަން ދެ ދައުލަތުގެ ގޮތުގައި ސުލްހަވެރިކަމާއެކު އޮތުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
މިގޮތުން 2015 ވަނަ އަހަރު އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އޭނާ ކުރެއްވި ކެމްޕޭންގައި އޭނާވަނީ، އިސްރާއީލު ފަލަސްތީނުގެ ސުލްހައިގެ މަޝްރޫޢު އަލުން ފެށުމަށްޓަކާ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކޮށްފައިވާ އިމާރާތްތައް ދޫކޮށްލުމަށްވެސް އޭނާ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ