25 އަހަރަށްފަހު އިޓަލީގެ "މާފިއާ ބޮސް" ޖަލުން މިނިވަން ކޮށްފި

25 އަހަރަށްފަހު އިޓަލީގެ "މާފިއާ ބޮސް" ޖަލުން މިނިވަން ކޮށްފި

Author
ހުސެއިން
01 ޖޫން 2021 07:41
0

އިޓަލީގެ މަޝްހޫރު މާފިއާ ގްރޫޕެއް ކަމުގައިވާ ކޯސާ ނޮސްޓްރާ މާފިއާ ގްރޫޕުގެ ވެރިޔާ 25 އަހަރަށްފަހު ޖަލުން މިނިވަން ކުރުމާއި ގުޅިގެން އިޓަލީގެ ގިނަބަޔަކު ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އޭނާ އިސްވެހުރެ ހިންގާފައިވާ އެތަކެއް ކުށްތަކުގެ ތެރޭގައި، އިޓަލީގެ ޕްރޮސެކިއުޓަރަކު މަރާލުމާއި އަދި ކުޑަ ފިރިހެން ކުއްޖެއްގެ ހަށިގަޑު އެސިޑުގެ ތެރެއަށް ލާ ވިރުވާލުން ހިމެނެއެވެ.

މިހާރު އުމުރުން 64 އަހަރުގެ ގިއޯވަންނި ބުރުސްކާ، 25 އަހަރަށްފަހު އިޓަލީގެ ރޯމުގައި ހުންނަ ރެބިއްބާ ޖަލުން މިނިވަން ކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

ގިއޯވަންނި ބުރުސްކާ ހައްޔަރު ކޮށްފައިވަނީ 1996 ވަނަ އަހަރުއެވެ. އެއަހަރު އޭނާ ހައްޔަރު ކުރީ، އިޓަލީން މާފިޔާގެ ނުރައްކާ ނައްތާލުމަށް އޭރު މުޅި ހަޔާތް ހޭދަކުރަމުންއައި މެޖިސްޓްރޭޓެއް ކަމުގައިވާ ގިވޮއްނައި ފެލްކަން، ބޮމެއް ގޮއްވާލާ މަރާލުމާއި ގުޅިގެންނެވެ.

މިހަމަލާގައި ފެލްކަންގެ އަބިކަބަލުންގެ އިތުރުން އިތުރު 3 ފުލުހަކުވެސް މަރުވިއެވެ.

"މީހުން މަރާ މީހާ"ގެ ނަމުން މަޝްހޫރުވެފައިވާ ބުރުސްކާ ވަނީ، 100 އަށްވުރެ ގިނަ މީހުންގެ މަރުގެ ހާދިސާތަކުގައި އޭނާގެ ދައުރު އޮތްކަމަށް އެއްބަސް ވެފައެވެ. މީގެތެރޭގައި، އޭނާ ހިންގަމުން އައި މާފިއާ ގްރޫޕަށް މައުލުމާތު ފޯރުކޮށްދެމުން އައި މީހެއް ކަމުގައިވާ ގުއިސެއްޕޭ ޑި މަޓިއޯގެ 14 އަހަރުގެ ދަރިފުޅު މަރާލާ، އެ ކުއްޖާގެ ހަށިގަޑު އެސިޑްގެ ތެރޭގައި ގިރުވާލުންވެސް ހިމެނެއެވެ.

އެހެންނަމަވެސް، ފަހުން އިޓަލީގެ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދީ، އޭނާވަނީ ކޯސާ ނޮސްޓްރާ މާފިއާ ގުރޫޕަށް ނިސްބަތްވާ މީހުން ހޯދާ ހައްޔަރު ކުރުމުގައި ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން އޭނާވަނީ، ކޯސާ ނޮސްޓްރާ މާފިއާ ގުރޫޕުން 1980 އަދި 1990ގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާއި ދީފައިވާ އެތަކެއް ހަމަލާތަކުގެ މައުލުމާތު އިޓަލީގެ މުވައްސަސާތަކަށް ފޯރުކޮށް ދީފައެވެ. އަދި މީގެ އިތުރުން އޭނާވަނީ، އޭރު އިޓަލީގައި ހިގަމުންދިޔަ ބޮމުގެ ހަމަލާތައް ހުއްޓުވުމަށް އިޓަލީގެ ސަރުކާރުގެ އޮފިޝަލުންނާއި އަދި ގޭންގުތަކާއި ދެމެދު ހިގަމުންދިޔަ މަޝްވަރާތަކުގެ އެތަކެއް މައުލޫމާތުތަކެއްވެސް އޭނާގެ މައްޗަށް ހިންގުނު ޝަރީއަތުގެ މަޖިލިސްތަކުގައި ކިޔައިދީފައެވެ.

ގިއޯވަންނި ބުރުސްކާ ޖަލުގައި ހޭދަކުރި މުއްދަތުގައި އޭނާއަށް ކުރު މުއްދަތުތަކަށް، އެތަކެއް ފަހަރުމަތިން ވަގުތީގޮތުން އޭނާ ދޭތެރެ ދޭތެރެއިން ޖަލުން ދޫކޮށް ދީފައިވެއެވެ. އަދި ހޯމަދުވަހު އޭނާ ޖަލުން މިނިވަން ކުރުމަށްފަހު، ކުރިޔަށް އޮތް 4 އަހަރު އޭނާ ހޭދަކުރާނީ ޕެރޯލްގެ މުއްދަތުގެ ގޮތުގައި ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

"އޭނާ ޝަރުއީ ފަރާތްތަކަށް އެއްބާރުލުން ދީފައިވަނީ، އޭނާގެ އަމިއްލަ ފައިދާއަށް، މިއީ، ކުއްވެރިއަކަށް އޮންނަ ޗޮއިސްއެއް ނޫން،" 1992 ވަނަ އަހަރު މެޖިސްޓްރޭޓް ގިވޮއްނައި ފެލްކަން މަރާލުމަށް ބުރުސްކާ އިސްވެ ހުރެ ދިން ބޮމުގެ ހަމަލާގައި މަރުވި ފުލުހެއްގެ އަނބި ކަބަލުން ބުރުސްކާ ޖަލުން މިނިވަން ކުރުމާއި ގުޅިގެން ބުނެފައި ވެއެވެ.

އަދި މަރާލެވުނު މެޖިސްޓްރޭޓް ގިވޮއްނައި ފެލްކަންގެ ދައްތައް ބުނެފައިވަނީ، ބުރުސްކާ ޖަލުން މިވަން ވުމަކީ އޭނާ އިންތިހާއަށް ހިތާމަ ކުރާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް، ޖަލުން މިނިވަން ވުމުގެ ހައްގު އިޓަލީގެ ގާނޫނުތަކުން ބުރުސްކާއަށް ދޭކަމަށް ގަބޫލު ކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބުރުސްކާ ޖަލުން މިނިވަން ވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އިޓަލީގެ ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.