ކުރިއަށް އޮތް ފަސް އަހަރުވެސް ރާއްޖެއަށް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފިއެވެ.
އިއްޔެ އޭޑީބީން ނެރެފައިވާ 2020 އިން 2024ގެ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓަޖީ އާއި ހަވާލާދީ އެބޭންކުން ބުނީ ކުރިއަށް އޮތް ފަސް އަހަރުވެސް އެބޭންކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި، އޭގެތެރޭގައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް އެހީތެރިވުން ހިމެނޭކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި، ރާއްޖޭގެ ޓެކްސް ނިޒާމް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޭޑީބީން ވަނީ ދީފައެވެ.
ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޭޑީބީން ދީފައިވާއިރު، އެބޭންކުން ވަނީ ރާއްޖޭގެ ދަރަނި އިތުރުވަމުންދާދިއުމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖޭގެ އެކި މަޝްރޫއުތަކަށް މިދިޔަ އަހަރާއި މިއަހަރު 1 ބިލިއަން ރުފިޔާ ހޭދަކުރަން އޭޑީބީން އޮތީ ނިންމައިފަ އެވެ. އޭޑީބީން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. އެގޮތުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އޭޑީބީން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ