ރަހީނުކޮށް އަނިޔާކުރި ޒުވާނާ ހާލު ސީރިއަސް، ސިކުނޑިއަށް ވަނީ ލޭއެޅިފަ: ކޭއާރްއެޗް

ރަހީނުކޮށް އަނިޔާކުރި ޒުވާނާ ހާލު ސީރިއަސް، ސިކުނޑިއަށް ވަނީ ލޭއެޅިފަ: ކޭއާރްއެޗް

Author
ޢަލީ އާދަމް
30 މެއި 2021 11:09
0

ކުޅުދުއްފުށި ސިޓީގައި ރޭ ބަޔަކު ރަހީނުކޮށް އަނިޔާކުރި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރްއެޗްގެ މެނޭޖާރ އަޙްމަދު ދާއޫދު ވިދާޅުވީ އެ ޒުވާނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދީފައި ވާކަމަށެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ 9:50 ހާއިރު އެވެ.

އަހުމަދު ވިދާޅުވީ މިއަދު 01:30 ގެ ފްލައިޓުން ހަނިމާދޫ މަގުން އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މާލެ ގެނެސް އޭޑީކޭއިން އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ހިފަހައްޓައި ކާރަކަށް އަރުވައިގެން ރަހީނުކޮށްގެން ގެންގޮސް އަނިޔާކޮށްފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައި ވަނީ ރޭ 8:48 ހާއިރު ކަމަށާއި އަނިޔާތައް ލިބުނު އުމުރުން 29 އަހަރުގެ ފިރިހެން މީހާގެ ހާލު ދެރަ ކަމަށެވެ.

މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާއިރު މި މައްސަލައާގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.