މެލޭޝިއާގައި ކޯވިޑް19 ފެތުރެން ފެށިފަހުން، ރެކޯޑް އަދަދަކަށް މިބައްޔަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ. މިގޮތުން މިއަދު އެގައުމުގައި، ކޯވިޑް19އަށް 9,020 މީހުންް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިއީ އެގައުމުގައި ރެކޯޑް އަދަދަކަށް މިބަލީގައި މީހުން ޕޮޒިޓިވް ވަމުން ދާ 5 ވަނަ ދުވަހެވެ.
އަދި މީގެ އިތުރުން މިއަދު ވެގެން ދިޔައީ މިބަލި މެލޭޝިއާގައި ފެތުރެން ފެށިފަހުން އެންމެ ގިނަ އަދަދަކަށް އެއް ދުވަހެއްގައި މީހުން މަރުވެފައިވާ ދުވަހަށްވެސް މެއެވެ. މިގޮތުން މިއަދު މިބަލީގައި 98 މީހަކު ވަނީ މަރުވެފައެވެ.
މެލޭޝިއާގައި މިހާތަނަށް 558,534 މީހުން ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، 2,650 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި މެލޭޝިއާގައިވެސް ވަނީ އާދަޔާ ޚިލާފަށް ކޯވިޑް ފެތުރެން ފަށާފައެވެ. އަދި ބެލެވޭ ގޮތުގައި، ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާޚިލާފަށް އެގައުމުގައިވެސް އިތުރުވެގެން ގޮސްފައި މިވަނީ، އަސްލު ވައިރަހަށްވުރެ ފަސޭހައިން ގައިންގަޔަށް އަރާ ވޭރިއަންޓެއްގެ ސަބަބުންނެވެ.
ފާއިތުވެދިޔަ ހުކުރުދުވަހު، މެލޭޝިއާގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ވަނީ، ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަކަށް މުޅި މެލޭޝިއާ ލޮކްޑައުންއަކަށްް ދާގޮތަށް ހަމަޖައްސާފައެވެ. މި ލޮކްޑައުންގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޭގޮތަށް ހަމަޖައްސާފައިވަނީ، އެންމެ އަސާސީ ޚިދުމަތްތަކާ ގުޅޭ ތަކެއްޗަށް އެކަންޏެވެ.
30 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝީއާގައި އަދި ވެކްސިން ދެވިފައިވަނީ މިލިއަނެއްހާ މީހުންނަށް އެކަންޏެއްވެ.