މާލޭ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކްގެ ދެ ފާހަނާ ބަރި ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭތީވެ، އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގު ނިންމައި ޝީފާގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާއެވެ. ހެއްކާއިއެކު ޝީފާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ޕީޖީ ޝަމީމްވެސް ވިދާޅުވެފައިވަނީ ޝިފާއަކީ ތިމާގެ ކުއްޖަކަށްވުމުން އެމައްސަލާގައި ކައިރިވާންވެސް ބޭނުން ނުވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން އަމާޒުވީ އޭސީސީއަށެވެ. ސިފާއަކީ ހުދު ކާފޫރެއްހާ ސާފު ބޭފުޅެއްކަމަށްވިދާޅުވެ ދިޔައީ ވަކާލާތު ކުރައްވަމުންނެވެ. އަދި ޖެހިގެން އައި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ސިފާގެ އަރިހުގައެވެ.

އޭސީސީން ހެއްކާއިއެކު ދައުވާކުރުމަށް ފޮނުވި މިމައްސަލަޔަކީ މެޔަށް ދިން ހަމަލާއެއްކަމަށް ސިފާވަނީ ވިދާޅުވެފައެވެ. 19 ވަނަ މަޖިލީހަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ބަލަން ރައްޔިތުން އިންތިޚާބްކޮށްފައިވާ މަޖިލީހެއްކަމަށް އިއްޔެގެ މަޖިލީހުގައިވެސް ނަޝީދު ވަނީ އަޑަށް ބާރުލާފައި ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީއާއި، ނަޝީދަށް ތާއީދުކުރާ މެމްބަރަކު ކޮރަޕްޝަންގެ ކިތަންމެ ބޮޑު އަމަލެއް ހިންގެވިިޔަސް އެކަން ހިންދާލަން ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރާތަން މިދަނީ ފެންނަމުންނެވެ.
އިއްޔެ އަނެއްކާވެސް މިވަނީ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި އިންސާފު ޤާއިމްކޮށްފައިވާ މައްސަލަޔަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހިފައެވެ. ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓު ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ކުންފުންޏަށް އެ ބޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ސިވިލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.
ބޯޓް ނަގަން ޕާކަވަންއާ ހަވާލުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ޖީއެމްއެލްޒެޑްގެ އޭރުގެ މެނޭޖިންޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިނގިލި އިބޫ) އާއި ކުންފުނީގެ އެހެން އިސް ބޭފުޅުން މިދިޔަ އަހަރު ހާޒިރު ކުރި އެެވެ. އެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އެބޯޓްގެ މިލްކުވެރިކަން ޖީއެމްއެލްޒެޑަށް އޮތް ކަން ފިނޭންސް މިނިސްޓްރީން ފޮނުވާފައި ލިޔެކިއުންތަކާއި ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. އެބޯޓްގެ މައްސަލައިގައި ދައުލަތުން ބަދަލެއް ދޭން ނުޖެހޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މިރިޕޯޓްވެސް ބޮޑުފޮއްޓަށްލައި ފޮރުވައިގެން އިންނެވީ މަޖިލިސް ރައީސްއެވެ. މި ރިޕޯޓަށް ވީގޮތެއް އަދާއިހަމަޔަށްވެސް އެގެން ނެތްއިރު، އަނެއްކާވެސް ދައުލަތުން ބޮޑު ބަދަލެއް އެގިގެން ނަމަވެސް ނޭގި ނަމަވެސް ދޭން ޖެހިފައިވަނީ ކޮންބައެއްގެ އިހުމާލުންތޯ ރައްޔިތުންނަށް ހާމަވާންޖެހެއެވެ. އެޖެންޑާ19 ގެ ދަށުން ކޮރަޕްޝަންގެ މައްސަލަތަކަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްގެ ގައިގައި ހިފނެ މައްސަލަތަކަށް މިވަނީ ނުވެފައެވެ. ޚާއްސަކޮށް ނަޝީދާއި ނަޝީދުގެ އަރިސް ބޭފުޅަކަށް ކޮރަޕްޝަންގެ ތުހުމަތުގެ އިގިލި ދިއްކޮށްލުމަކީވެސް މިއަދު ނާހުޒީބު ކަމަކަށް މިވަނީ ވެފައެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން މި ރިޕޯޓް ނިންމައި ތަޅުމަށް ފޮނުވާފައިވާ 7 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއަދާއި ހަމަޔަށްވެސް މަޖިލިސް ރައީސް އެމައްސަލަ އެޖެންޑާ ކޮށްފައިނުވެއެވެ. އަދި އެރިޕޯޓް އޮތީ މިހާރު ކޮންތާކު ކަމެއްވެސް ނޭގެއެވެ.
ކޮމެންޓު ފޮނުވާ