އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން ޖެހުމުން، އުމުރުން 12 އަހަރުގެ ކުދިންނަށްވެސް ކޯވިޑް19އިން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް، އެކުންފުނިން ބުނެފިއެވެ.
މޮޑާނާގެ ކޯވިޑް ވެކްސިން، އުމުރުން 12 އަހަރުގެ ކުދިންނަށް ވެސް ރައްކާތެރިކަން ދޭކަން ޔަގީވެގެން ދިއުން ވެގެން ދާނީ، އެމެރިކާގެ މި އުމުރުފުރާގެ ކުދިން ވެކްސިން ޕޮރްގާމްގައި ބައިވެރި ކުރުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ބާރަކަށެވެ. އަދި މި އުމުރުފުރައިގެ ކުދިންނަަށް އޮތް ރައްކާތެރިކަމުގެ ދެވަ ވަސީލަތް ކަމުގައެވެ. މިގޮތުން އެމެރިކާ އަދި ކެނެޑާއިން ވަނީ މިމަހުގެ ކުރީކޮޅު، ފައިޒަރ/ބައޯއެންޓެކް އިން ތައްޔާރު ކޮށްފައިވާ ވެކްސިނެއް އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުން ހުއްދަ ކޮށްފައެވެ.
މުޅި ދުނިޔޭގައިވެސް، ވެކްސިންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ދުނިޔޭގެ ބޮޑުބައެއް އަދިވެސް ދަނީ، ސިއްޙީ ކާރިސާއަށް ނިމުން ގެނައުމަށްޓަކާ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
މޮޑާނާއިން މަސައްކަތް ކުރަމުންދަނީ، ކޯވިޑް ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ދޭ ދެވަނަ ކުންފުނިކަމުގައި އެކުންފުނި ވުމަށެވެ. މިގޮތުން އެކުންފުނިން ބުނެފައިވަނީ، ކުންފުނިން އެކުލަވަލާފައިވާ ފުރާވަރުގެ ކުދިންގެ އުމުރުފުރާގެ ޑޭޓާތައް އަންނަ މަހުގެ ކުރީކޮޅު އެމެރިލާގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީއަށާއި އަދި އެނޫނަސް ދުނިޔޭގެ ރެގިއުލޭޓަރީ އެހެނިހެން އޮތޯރިޓީތަކަށް ހުށަހަޅާނެ ކަމަށެވެ.
މޮޑާނާއިންވަނީ، އެކުންފުނީގެ ދިރާސާތަކުގައި އުމުރުން 12 އަހަރާއި 17 އަހަރުގެ 3،700 ކުދިން ހިމަނާފައެވެ. މި ގޮތުން މި ދާރާސާތަކުން ދައްކާފައިވާ ގޮތުގައި، ވެކްސިންގެ ސަބަބުން ވަނީ، ބޮޑެތި މީހުންގެ ދިފާއީ ނިޒާމުވެސް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ފަށާގޮތަށް، ކުޑަކުދިންގެ ދިފާއީ ނިޒާމުވެސް ވެކްސިން ދިނުމާއެކު މަސައްކަތް ކުރާ ކަމަށް ދައްކާފައެވެ. އަދި، ބޮލުގަ ރިހުންފަދަ، ވަރުބަލިވުން ފަދަ، ނުވަތަ މަސްގަޑަށް ތަދުވުންފަދަ، ބޮޑެތި މީހުންގެ ކިބައިން ފެންނަ ބާވަތުގެ ސައިޑް އިފެކްޓުތައް ވަނީ ކުޑަކުދިންގެ ކިބައިންވެސް ފެނިފައެވެ.
ބޮޑެތި މީހުންނެކޭ އެއްގޮތަށް، ކޯވިޑަށް ޕޮޒިޓިވްވާ ކުދަކުދިންގެ ހާލަތު ގޯސްވާކަމަށް މިހާތަނަށް ދައްކާފައި ނުވާއިރު، އެމެރިކާގައި ކޯވިޑް19 ކޭސްތަކުގެ %14 އަކީ ކުޑަކުދިންނެވެ. އަދި އެމެރިކާގައި ކޯވިޑް19ގައި މަރުވެފައިވަނީ 316 ކުޑަކުދިންކަމަށް، އެމެރިކަން އެކަޑަމީ އޮފް ޕެޑިއޭޓްރިކްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.
ފައިޒަރ ބައޯއެންޓެކްއިން ދަނީ، އުމުރުން 6 މަހުން ފެށިގެން 11 އަހަރާއި ދެމެދުގެ ކުޑަ ކުދިންނަށް އަމާޒު ކޮށްވެސް ވެކްސިން ތަހުލީލު ކުރަމުންނެވެ. އަދި މި އުމުރުގެ ކުދިންނަށް ވެކްސިން ޓެސްޓް ކުރުމަކީ ދަތި އުދަގޫ ކަމެއްގެކަމަށް މޮޑާނާއިން ވަނީ ބުނެފައެވެ. އަދި މިއުމުރުގެ ކުދިންނަށް ޓެސްޓު ކުރުމަށްޓަކާ ދެމުންދަނީ ކުޑަ ޑޯޒެއްގެ ވެކްސިން ކަމަށްވެސް ވަނީ ބުނެފައެވެ. މި ތަހުލީލްތަކުގެ ނަތިޖާ ލިބިގެންދާން އަދި ދަވަސްތަކެއް ނަގާނެއެވެ.