އިޓަލީގެ އުތުރުގެ ހިސާބެއްގައި ކޭބަލް ކާރެއް ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިގާ، 12 މީހަކު މަރު ވެއްޖެއެވެ.
ކޭބަލް ކާރު ކަޑައިގެން ދިޔަވަގުތު، ސްޓްރެސާ – މޮއްޓަރޯން ކޭބަލް ކާރު ދިޔައީ 12 މީހުންގެ ގުރޫޕަކާއެކު ދުއްވަމުންނެވެ. މި ކޭބަލް ކާރަކީ، މެގިއޯރ ލޭކް މަތިން ސްޓްރެސާ އަވާށާއި އަދި ކަރީގައި އޮންނަ ޕިޑްމޮންޓް ރީޖަންގައި ހުންނަ މޮއްޓަރޯން ފަރުބަދަ ގުޅުވައިދޭ ކޭބަލް ކާރެކެވެ.
މި ހާދިސާގެ ސަލާމަތީ އޮޕަރޭޝަންގެ އިސްކޮށް ހަރަކާތްތެރިވާ، އިޓަލީގެ ނޭޝަނަލް އަލްޕިން ސްޕެލިއޯޖިކަލް ރެސްކިއު ކޯރޕްސްގެ ތަރުޖަމާން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޭބަލް ކާރު ކަނޑައިގެން ގޮސް ވެއްޓިފައިވަނީ ޖަންލީގެ ލަކުޑި ބޯ ގަސްތައް ހުންނަ ސަރަހައްދަކަށެވެ.
އިމަޖެންސީ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ދެ ކުޑަކުދިން ހިމެނޭގޮތަށް އިތުރު 3 މީހަކަށް ވަނީ އަނިޔާވެފައެވެ.
މި ހާދިސާ ހިގާފައިވަނީ، މި ކޭބަލް ކާރުން، މަގިއޯރ ލޭކްގެ މަތީގައި އޮންނަ ލިޑޯ ޑީ ސްޓްރެސާ ޕިއައްޒާ އިން ފެށިގެން މޮއްޓަރޯން ފަރުބަދަ މަތީގައި އޮންނަ މޮޓަރޯން ސްޓޭޝަނަށް 20 މިނިޓްގެ ދަތުރެއް ކުރަމުން ދަނިކޮށް، ކޭބަލް ކުއްލިއަކަށް ކަޑައިގެން ދިއުމާއި ގުޅިގެންނެވެ. މޮޓަރޯން ސްޓޭޝަނަށް ހުންނަނީ ބިމުން 1،491 މީޓަރު އުހުގައެވެ.
އިޓަލީގެ ލޯކަލް މީޑިއާ ANSA އިން މައުލޫމާތު ދީފައިވާ ގޮތުގައި، ކޭބަލް ކަނޑައިގެން ގޮސްފައިވަނީ، ފަރުބަދައާއި 300 މީޓަރު ދުރުންނެވެ. ކޭބަލް ކާރު ކަނޑައިގެން ވެއްޓިފައިވާ، ބޯ ލަކުޑި ގަސްތައް ހިމެނޭ ސަރަހައްދަކީ އެސަރަހައްދަށް ދިއުމަށް ސީދާ މަގުތަކެއް ހުރި ސަރަހައްދެއް ނޫނެވެ.
ނަތީޖާއެއްގެ ގޮތުން މީހުން ސަލާމަތް ކުރާ ފަރާތްތަކަށް، އެކްސިޑެންޓް ހިގިއިރު ކޭބަލް ކާރުގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރަން ޖެހުނީ ހެލިކޮޕްޓަރުގެ ބޭނުން ކޮށްގެން ރެސްކިއު ޓީމްތައް އެތައް ބާލުވައިގެންނެވެ.
އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރެގްހި ވަނީ މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާރލްސް މައިކަލްވެސް ވަނީ މިހިތާމަވެރި ހާދިސާގެ މަރުވި މީހުން އާއިލާތަކަށް ތައުޒިޔާ ފިނުވާފައެވެ. އޭނާވަނީ މިހާދިސާ ހިގަން މެދުވެރިވި ސަބަބު ވަގުތުން ތަހުގީގު ކުރުމަށްވެސް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ