ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު، ގާޒާގައި އުފާ ފާޅުކުރަނީ

ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު، ގާޒާގައި އުފާ ފާޅުކުރަނީ

Author
ހުސެއިން
21 މެއި 2021 06:38
0

ހުކުރު ދުވަހުގެ ރޭ ދަންވަރު 2:00 އިން ފެށިގެން އިސްރާއީލާއި ހަމާސް ޖަމާއަތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއެކު، ފަލަސްތީނުގެ ރައްޔިތުން ގާޒާގެ މަގުތަކުގައި އުފާ ފާޅު ކުރަމުން އެބަ ގެންދެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިކަން ދެފަރާތުން އިއުލާން ކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުންވަނީ ގާޒާގެ މަގުތަކަށް އެއްވެ އުފާ ފާޅުކުރުމުގެ ގޮތުން ﷲއަށް ޝުކުރު ދަންނަވާ ތަކްބީރު ކިޔާފައެވެ.

އަދި ގާޒާގެ މިސްކިތްތަކުންވަނީ ލައުޑް ސްޕީކަރުތައް މެދުވެރިކޮށް “ޖެރޫސެލަމްގެ ހަގުރާމާގައި” މުޖާހިދުންނަށް ކާމިޔާބު ލިބިފައިވާކަން އިއުލާން ކޮށްފައެވެ.

ހަމާސް ޖަމާއަތުން ހަގުރާމަ ކާމިޔާބު ކުރެވިއްޖެކަން އިއުލާން ކޮށްފައި ވާއިރު، އިސްރާއީލުންވެސް ވަނީ ހަގުރާމަ ކާމިޔާބު ކުރެވިއްޖެ ކަމަށް ބުނެފައެވެ.

އިސްރާއީލުން މެދުނުކެޑި ގާޒާއަށް ދެމުން އައި އުދުވާނީ ހަމަލާތައް ހުއްޓާލާ އަދި ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންއައި ރޮކެޓް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ މިސްރު މެދުވެރިވެގެން ގާއިމްކުރި ސުލްހައިގެ އެއްބަސްވުމަކަށް ފަހުއެވެ.

11 ދުވަސްވަންދެން ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެފައިވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ ހަމާލާތައް އިތުރަށް ކުރިޔަށް ގެންދިއުން ބިނާވެގެން ދާނީ، މައިދާނުގެ ހާލަތު އޮންނަ ގޮތެއްގެ މައްޗަށް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސް ޝަރުތަކާ ނުލާ ގަބޫލުކުރުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުގެ ބަޔާން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހަމަލާ ބަދަލުކުރުމަށް އެއްބަސްވާކަން އިއުލާންކޮށް ފަލަސްތީނުގެ ހަމާސް ޖަމާއަތުންނާއި އަދި އިސްލާމިކް ޖިހާދުންވެސް ބަނީ ބަޔާނެއް ނެރެފައެވެ.

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

ހަމަލާ ބަފަލުކުރުން ހުއްޓާލުމަށް އެއްބަސްވިކަން އިއުލާން ކުރުމާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑްން ބުނެފައިވަނީ، މިއީ ދާއިމީ ސުލްހައެއް ގާއިމް ކުރުމަށް ފަލަސްތީނާއި އިސްރާއީލަށްވެސް ލިބިގެން ދިޔަ ފުރުސަތެއް ކަމުގައެވެ. އަދި އެމެރިކާއިން އިސްރާއީލު އަމިއްލަ ދިފާއުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް އަބަދުވެސް ތާއީދު ކުރާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު ދިރިއުޅެވެން ވާނެ ކަމަށާއި، ގާޒާ އަލުން އާރާސްތުކުރުމަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށްވެސް ބައިޑްން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.