އިސްރާއީލާއި ހަމާސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

އިސްރާއީލާއި ހަމާސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

Author
ހުސެއިން
21 މެއި 2021 05:31
0

އިސްރާއީލާއި ހަމާސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

އިސްރާއީލުން ދެމުން އައި އުދުވާނީ ހަމަލާތައް ހުއްޓާލާ އަދި ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންއައި ރޮކެޓް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ މިސްރު މެދުވެރިވެގެން ގާއިމްކުރި ސުލްހައިގެ އެއްބަސްވުމަކަށް ފަހުއެވެ.

11 ދުވަސްވަންދެން ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުމާއި ގުޅިގެން ގާޒާގައި ދަނީ އުފާ ފާޅުކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސް ޝަރުތަކާ ނުލާ ގަބޫލުކުރުމަށް އިސްރާއީލުގެ ސެކިއިރިޓީ ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުގެ ބަޔާން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހަމަލާ ބަދަލުކުރުމަށް އެއްބަސްވާކަން އިއުލާންކޮށް ފަލަސްތީނުގެ ހަމާސް ޖަމާއަތުންނާއި އަދި އިސްލާމިކް ޖިހާދުންވެސް ބަނީ ބަޔާނެއް ނެރެފައެވެ.

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.