ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރު އޮކްޓޫބަރުމަހު ޤާއިމްކުރެވޭނެ: ގަވަރުނަރު

ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރު އޮކްޓޫބަރުމަހު ޤާއިމްކުރެވޭނެ: ގަވަރުނަރު

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2020 10:15
0

ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތް ޒަމާނީކުރުމަށް ޤާއިމްކުރާ ޤައުމީ ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލާއި ގުޅޭގޮތުން މަޢޫލޫމާތު މަޖިލީހުގެ މެންބަރުންނާއި ޙިއްސާކުރައްވަމުންނެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލަކީ ފައިސާގެ މުޢާމަލާތް އެންމެ ޒަމާނީ އަދި ރައްކާތެރިކަމާއެކު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން ލާޒިމްކުރާ ބިލެކެވެ. މިބިލް ޤާނޫނަކަށް ވުމުން، ރާއްޖެއާއި ރާއްޖޭއިން ބޭރަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަސޭހަކަމާއެކު ވަގުތުން ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ބޭންކުތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭޭގައި ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ޚަރަދުކުޑަ ޕޭމަންޓް ހެދޭނެ ތަފާތު ސޮލިއުޝަންތައް މާކެޓަށް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، ރައްކާތެރި ޒަމާނީ ޕޭމަންޓް ސިސްޓަމެއް ބޭނުންވާކަން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެނގިގެން ހިނގައްޖެކަަމަށެވެ. އެގޮތުން ކޯވިޑް-19ގެ ތެރޭގައި އޮންލައިން ވިޔަފާރިތަކަށް ބަރޯސާވުން އިތުރުވެފައިވާކަން ފާހަގަކުރައްވާ އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، މިއީ ދުނިޔޭގެ ޤައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަ ސިސްޓަމެއްކަމަށެވެ. މިހާތަނަށް މިސިސްޓަމް ރާއްޖޭގައި ޤާއިމްކުރުން ލަސްވީ ކޯވިޑް-19އާއި ގުޅިގެން ރާއްޖެ އަންނަޖެހޭ ބޭރުގެ މާހިރުން އައުމުގައި ލަސްތަކެއް ވުމުގެ ސަބަބުންކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ވަރަށް މުހިންމު ޤާނޫނެއް. މިޤާނޫނު އައުމުން ބޭންކުތަކާިއ ފައިނޭޝަން ދާއިރާގައި އުޅޭ މީހުންނާމިހުރިހާ ކަމެއް އެއްޗެއް އެއް ސިސްޓަމަކަށް ގުޅާލުން މުހިންމުކަމަކީ. އޭގެ މާނައަކީ ލާމަރުކަޒީކުރުމަށްވެސް އަންނާނޭ ފަސޭހަތަކެއް. މިސާލަކަށް ރަށެއްގައި ހުރި ޚިދުމަތެއް އެރަށުން އަނެއްރަށަށް ނުވަތަ އެސަރަހައްދެއްގައި ދޭން ބޭނުންވެއްޖެނަމަ މިސިސްޓަމަށް ގުޅަލުމުން އެއީ މެދުފަންތީގެ ނުވަތަ ކުޑަ މެދުފަންތީގެ ވިޔަފާރިއަކަށްވެފަ މިއައަށް ގުޅާލަން ފަސޭހަވާނެ. އެއިރުން ބޭންކިން ނިޒާމުގެ ހުރިހާ އެކައުންޓައް ފެނި މުޢާމަލާތްކުރަން ފަސޭހަވާނެ.

-އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް

އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާނެ ޕޭމަންޓް ސިސްޓަމަކީ ރާއްޖެއިން ބޭރު ޤައުމެއްގައި ޓެސްޓްކުރުމަށްފަހު ރާއްޖެ ގެނެސް ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ބަދަލުތަކެއް ގެންނާނެ ނިޒާމެއްކަަމަށެވެ. މިސިސްޓަމާއެކު ޤަވާއިދުތަކެއްވެސް އެކުލަވާލުން ލާޒިމްވާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.