ތަފާތުއެކި މައްސަލަތަކާއި ކަންކަން ހައްލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަަޅާ ލަފާތަކުގެ ތެރެއިން ސަރުކާރުން އިޖާބަދެނީ ވަރަށް ކުޑަމިންވަރަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް ގޮވާލާ 1050 މީހުންގެ ސޮޔާއިއެކު މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލައަކީ މިއަދަކު ދިމާވެގެން ހައްލު ހޯދަން ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމަށެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަށްވާއިރު މިމައްސަލާގައި އެކި ހުށަހެޅުންތައް އެކި ފަހަރު މަތީން ސަރުކާރަށް ހުށަހެޅިފައިވާކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުން އެކި ކަންކަމުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަމުގައި ހައްލު ހޯދުމަށް ކުރެވޭނެކަންކަން ސަރުކާރަށް ހުށަހަޅަމުންދާކަމަށެވެ. މަޖިލިސް މެމްބަރުން މިދިރާސާތައް ލަފާތައް އޮޅުން ފިލުވަމުންދަނީ ކަމާއި ގުޅުންހުރި ފަންނީ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތީންކަމަށާއި ނަމަވެސް ސަރުކާރަށް ހުށަހެޅޭ ކަންކަމަށް އިޖާބަ ދެއްވާތަން ނުފެންނަކަމަށެވެ.
ހިއުމަން ރައިޓް ކޮމިޓީން އެބައޮތް އިގޭތޯ 33 ހުށަހެޅުން ފާހަގަކުރައްވާފަ ސަރުކާރަށް ދަންނަވަން. މިތަނުން ނެރޭ ކޮންމެ ރިޕޯޓެއްގައި ފާހަގަކުރައްވާފަވޭ، ދިރާސާކުރުމަށްފަހު ކަމާއި ބެހޭ ހުރިހާ ފަރާތެއް މިތަނަށް ގެނައުމަށްފަހު އަދި ގިނަ ފަހަރަށް އިއްޒަތްތެރި މެމްބަރުން ރަށް ރަށްރަށަށް ދަތުރު ކުރައްވައި، ހާލަތު ބައްލަވައި ވަގުތު ދެއްވާފަ ފަންނީ ލަފާ ހޯއްދަވައިގެން ސަރުކާރަށް އިންތިހާއަށް ލަފާއެބަ އަރުވާ. އަޅުގަނޑަށް މިފެންނަނީ މީގެ އިން ކަންކަން މިދެވޭލަފާތަކަށް އިޖާބަ ދެއްވާތަން ވަރަށް ކުޑަކަމަށް.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެންޑީއޭގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށްވާއިރު، މިމަސްއޫލިއްޔަތު އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ މައްޗަށް ލާޒިމްކޮށްފައިވާ 8 މަސްޢޫލިއްޔަތެއްވާއިރު، އޭގެއިން އެއްވެސް ކަމެއް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ކުރުމަށް އެންޑީއޭ ވަނީ ނުކުޅެދިފައިކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ.
މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޕެޓިޝަންގައި ބުނެފައިވަނީ މީގެ 24 ވަރަކަށް އަހަރުކުރިން އެހެން ނަމެއްގައި އެންޑީއޭ ވުޖޫދަށް އައިރުވެސް ގެންގުޅުނު ނިޒާމްތަކާއި ބޯދާ ޢުޞޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވުންކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މިޕެޓިޝަން ހުށަހެޅި ފަރާތްތަކުން ވަނީ ވީހާވެސް އަވަހަށް މިމައްސަލައަށް ހައްލު ގެނެސް ނޭޝަނަލް ޑްރަގް އެޖެންސީ، (އެން.ޑީ.އޭ)އަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެދިފައެވެ. އަދި މިކަމުގައި އަވަސް ހައްލުތަކެއް ގެނެސް ޒުވާނުންގެ ތެރެއިން އެތައްބަޔަކު މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްވެސް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ