މިސަރުކާރުން ތަރައްޤީ ސިފަކުރަނީ މީހުންނަށް ކުރާ އަނިޔާއަށް ކަމަށާއި، އަނިޔާކޮށްގެން މިސަރުކާރުން އެތަރައްޤީ ވަރަށް ރަނގަޅަށް ގެނެސް ދެއްވަމުންދާކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ކުރަމުންދާ އިހުތިޖާޖު ތަކާއި ގުޅިގެން މުޒާހަރާތަކަށް ޖާގަ ނުދީ ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ބަޔަކަށް ދަނީ އެކިވަރުގެ އަނިޔާތައް ވަމުންނެވެ. ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ.
މުޒާހަރާގެ ތެރެއިން ފުލުުން އަނިޔާކުރާ މަންޒަރު ހިމެނޭ ފޮޓޯއަކާއި އެކު ހިސްޓޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާ ކުރުމަކީ މިސަރުކާރުން ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީކަމަށެވެ. އަނިޔާވެރިކަމަކީ މިސަރުކާރަށް ވަރަށް ރަނގަޅަށް ކުރަން އެގޭކަމެއް ކަމަށާއި، އެކަން ބަރާބަރަށް ރައްޔިތުންނަށް ކޮށް ދެމުންދާކަމަށެވެ. އަދި މިކަން ކުރަމުންދަނީ އާއިލާއިގެ ތެރެއިން ކަމަށާއި، މިއީ އާއިލީ އަނިޔާވެރިކަމެއް ކަމަށް ހިސްޓޯ ވަނީ ސިފަ ކުރައްވާފައެވެ.
އަނިޔާވެރިއެއްގެ ޅިޔަނު މުގުލުގައިހުރެގެން މިގެންދަނީ ފުލުހުންނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި އަގުވައްޓައިލުމުގެ އާބާބެއް. މިދުވަސްވެސް ހިނގައިދާނެ. އަނިޔާވެރިން ނަށް އެނގޭނީ އަނިޔާކޮށް އަނިޔާކުރުވަން. އެވެރިން ކިޔާ ތަރައްޤީއަކީ އެއީ.
– ހިސްޓޯ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާތަަކށް ޖާގަނުދީ ހުއްޓުވުމަށް ކޮންމެ ރެއަކު ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ދަނީ ހުއްޓުވަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ކޮށްފައި ކަމަށެވެ.
ޑިމޮކްރަސީ ގެ އެއް އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ދިވެހި ސަރުކާރުން އަރައިގަނެ، ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، އަދި ސަރުކާރުން ގެންގުޅޭ ހުދުމުޚުތާރު، ޑިމޮކްރަސީއާއި ބީރައްޓެހި ގޮތްގަނޑު ދޫކޮށް، ހަމަހަމަ ކަމާއި އިންސާފުވެރިކަމާއިއެކު ހުރިހާ ރައްޔިތުންނާއި މެދުވެސް އަމަލު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ