މާލެ ބަރާކޮށް ތޮއްޖެހިފައިވާއިރު، ކޮންކަމަކާތޯ ހޭންވީ؟ މިއުޅެނީ ސިޔާތެއްވެސް ނެތިގެން: ސަނީފް

މާލެ ބަރާކޮށް ތޮއްޖެހިފައިވާއިރު، ކޮންކަމަކާތޯ ހޭންވީ؟ މިއުޅެނީ ސިޔާތެއްވެސް ނެތިގެން: ސަނީފް

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 03:36
0

މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންވެސް މިއަދު މާލޭގައި ތިއްޖެހި ނޭވާ ނުލެވޭ ވަރަށް ކަންކަން ގޮސްފައިވާއިރު، މަޖިލީހަށް ހުށަހަޅަންވީ ހީ ސަމާސާކޮށް، މަޖާކުރާ ގަރާރުތޯ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދައިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރީންނާއި ރައްޓެހިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅާފައިވާ ގަރާރަށް ތާއީދު ނުކުރައްވާކަން ހާމަކޮށް ސަނީފް ވިދާޅުވީ ރައްޔިތުން މިއަދު ހޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ ސިޔާސަތެއްވެސް ނެތި، ތިއްޖެހި ހާސްކަމުގެ ތެތޭގައި ކަމަށެވެ.

މިއަދު މިފަދަ ޤަރާރުތައް މަޖިލީހަށް ހުށަހެޅުމުން ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ދީފައިވަބީ މިފަދަ ގަރާރުތައް ހުށަހަޅަންތޯ އަހަމުންދާކަމަށެވެ. މި ޤަރާރަކީ އެއްވެސް ތާކުން ތާނުކުޖެހޭ އެއްވެސް މަފްހޫމަކަށް ނުފެތޭ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކުރާނެ ގަރާރެއް ނޫންކަމަށް ސަނީފް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެވެސް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންވެސް މިއަދު ބުނަނީ ކީއްކުރަންތޯއޭ ތިޔަބޭފުޅުން 65 މެމްބަރުން ހޮވިފައިތިބި މަޖިލީހަކަށް މިފަދަ ގަރާރެއް ހުށަހަޅައިގެން އުޅެނީ. މީގެ މަފްހޫމަކީ ކޮބައިތޯ؟ ކޮންކަމާތޯ އަޅުގަނޑުމެން ހޭންވީ؟ އަޅުގަނޑުމެން ތަނަކަށް އެއްވެ ބޭހެއް ބޮއިގެންތޯ ހޭންވީ؟ ކޮންކަމަކާތޯއޭ ހޭންވީ؟ މިއުޅެނީ މިމާލޭގައި ދިރި ނޫޅެވިގެން. މިއުޅެނީ ސިޔާސަތެއް ނެތިގެނޭ. މިމާލޭ މީހުން ތޮއްޖައްސައި މުޅި މާލެ ބަރާކޮށް އަޅުގަނޑުމެން މިތިބީ ތަކުލީފެއްގެ ތެރޭގައޭ. ރާއްޖެ ތެރޭގެ ރަށްތައް ތަރައްޤީކޮށްގެން މިމާލެއަށް ލުޔެއް ދޭންވީ ނޫންތޯ؟ އޭރުން ހިވިފަ ތިބޭނީ އަޅުގަނޑުމެން އެންމެން ހެވިފަ ތިބޭނީ.

– ސަނީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ހުށައަޅުއްވާފައިވާ މި ގަރާރުގައި ވަނީ، ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކެއްކަމަށާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވާކަމަށްވެސް ގަރާރުގައިވެއެވެ.

މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލެވޭނޭ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށާއި، ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ޚާއްޞަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާކަމަށްވެސް ޤަރާރުގައިވެއެވެ.

މާލޭގައި މިއުޒިކްު ކުޅޭ ހިތްފަސޭހަކޮށްލާ މަޖާކޮށްލާނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު އިލްމުވެރިންތަކެއް ސޮއިކޮށް ސިޓީއެއް ވަނީ މަޖިލީހުގެ ރައީސަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.