ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ މައްސަލަ ދިމާވެގެން އަލުން ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާ މާވަށަށް އިދިކޮޅު ތިން މެމްބަރަކު ކެމްޕެއިނަށް ވަޑައިގެންފިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެނެވުނު ބަދަލާއިކު މާވަށަށް ކެމްޕެއިނަށް ތިން މެމްބަރަކު ވަޑައިގެންފައިވާކަމަށެވެ. މާވަށަށް ކެމްޕެއިނަށް ވަޑައިގެންފައިވަނީ އެދާއިރާގެ މެމްބަރު މުހައްމަދު ސައީދުއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެވެ.
މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުގެ ހުއްދަ ހޯއްދެވުމަށް، ދަތުރުގެ މައުލޫމާތާއެކު، ލިޔުމުން މަޖިލީހުގެ އިދާރާގައި އެދިވަޑައިގަތުމަށެވެ. އަދި މެންބަރުން ކުރައްވާ ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވައެވެ. މާވަށަކީ ޕީޕީއެމްގެ ތާއީދުބޮޑު ރަށަކަށް ވީނަމަވެސް އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެދާއިރާއަށް ކުރިމަތި ކުރަމުންދާކަމަށް އެދާއިރާގެ މެމްބަރު ސައީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
މާވަށުގެ ކެމްޕެއިނަށް ވަޑައިގެންނެވި ތިން މެމްބަރުންނަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެންމެ ފާހަގަ ކޮށްލެވޭ އެންމެ ނަން ހިނގާ ތިން މެމްބަރުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް އެބޭފުޅުން ގެންދަވަނީ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ