އައްޑޫގައި ހިންގޭ ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް އޮތް ކައުންސިލުން ގާތުން ބަލާނެ: ނިޒާރު

އައްޑޫގައި ހިންގޭ ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް އޮތް ކައުންސިލުން ގާތުން ބަލާނެ: ނިޒާރު

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 01:51
0

އައްޑޫ ސިޓީގައި ހިންގޭ ހުރިހާ ޕްރޮޖެކްޓް ތަކެއް ކުރިއަށް އޮތް ކައުންސިލުން ގާތުން ބަލާނެ ކަމުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް އިންތިޚާބު ވެފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރެއްވި ހިސާބުން ފެށިގެންވެސް އަލީ ނިޒާރު ގެންދަވަނީ އެސިޓީގެ ގިނަ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެކަންކަމުގެ މައުލުމާތު ވަރަށް ގާތުން ބައްލަވަމުންނެވެ. އިންތިޚާބުގެ ކެމްޕެއިން ތެރޭގައިވެސް އޭނާ ވައުދު ވަމުންދިޔައީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްކޮށް، ނަތީޖާ ނެރެދެއްވާނެ ކަމުގެ ވައުދެވެ.

އައްޑޫގައި ހިންގޭ ހުރިހާ ޕްރޮޖެކްޓް ތަކެއް ކުރިއަށް އޮތް ކައުންސިލުން ގާތުން ބަލާނެ. އަދި މުޅި ކައުންސިލް އައްޑޫގެ ރައްޔިތުންނާއި، ގުޅިގެން މަސައްކަތްކުރާނެ.

– އަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި އަލީ ނިޒާރާއާއިއެކު އެސީޓީގެ މިހާރުގެ ކައުންސިލުން ބައްދަލުކޮށް އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުންވެސް ދާދިފަހުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އައްޑޫ ސިޓީ ކައުންސިލް އިންދާރާގައި އޮތް ބައްދަލުވުމުގައި އިންތިޚާބީ މޭޔަރަރު އަލީ ނިޒާރަށް ކައުންސިލް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކައުންސިލުގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒިފުންވެސް ވަނީ އިންތިޚާބީ މޭޔަރާއި ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ދުރާލައި އާކައުންސިލާއި މަސައްކަތްތައް ހަވާލު ކުރުމުގެ ކުރިން އިންތިޤާލީ މަރުހަލާގައި ކަންކަން ކުރިއަށް ގެންދާނެ ގޮތާއި، އަދި އެކުވެރި ރޫހެއްގައި މިކަން ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. މިހާރުގެ އައްޑޫ މޭޔަރު ޞާދިގަކީ ޕްރައިމަރީގައި އަލީ ނިޒާރާއި ވާދަކުރެއްވި ކެނޑިޑޭޓެވެ. ނަމަވެސް އިންތިޚާބުން ނާކާމިޔާބު ވުމުންވެސް ޞާދިގުވަނީ އަލީ ނިޒާރަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކަށް މަސައްކަތް ކުރެއްވި އެއްބުޅާއެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާ އަދި ކުރިއަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ސިޓީއެކެވެ. މިމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލްގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.