ރައީސް ޔާމީން ޖަލަށްލައިގެން ދެމުންދާ އަނިޔާތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ސުވާލުތަކެއް ރައީސް ޞާލިހުއަށް ކުރައްވައިފިއެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ދޭތިން އެކައްޗަށް މިރޭ އިދިކޮޅުން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ރައީސް ޞާލިހަށް އަމާޒުކޮށް އަބްދުއްރަހީމް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރު ޖަލަށްލައި ބަންދުކޮށްގެން ވެރިކަން ކުރުމަކީ ކޮން ޤައުމުގައި އޮތް ޑިމޮކްރަސީއެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތް ހިންގިޔަ ނުދީ ފުލުުން ނެރެ ހިންގަވަން މަސައްކަތް ކުރައްވަނީ ކޮންވައްތަރެއްގެ ވެރިކަމެއްތޯ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފައެވެ.
ރ.ޞާލިޙަށް: މަނިކުފާނަށް ޑިމޮކްރަސީ ދަސްކޮށްދިނީ ކާކުތޯ؟ ވާދަވެރިސިޔާސީ ލީޑަރ ނުޙައްގުން ޖަލުގައި ބަންދުކޮށް، ވާދަވެރި ސިޔާސީ ޕާޓީގެ އޮފީސް ބަންދުކޮށް ސިޔާސީ ޙަރަކާތެއް ހިންގިޔަނުދީ ތިޔައުޅެނީ ކޮންކަހަލަ ވެރިކަމެއް ކުރަންތޯ؟ ނުވަންޏާ އިސްތިޢުފާ ދޭންވީނޫންތޯ؟
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ތާއީދާއި ލޯބި ރައީސް ޞާލިހަށް ނުލިބުމަކީ ރައީސް ޔާމީނަށް އެކަމުގެ ހަސަދަ ބާލަންޖެހޭ ކަމެއްނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ރައީސް ޔާމީނަށް އޮތްކަމީ އިންތިޚާބުތަކުންވެސް ފެންނަމުންދާ ނަތީޖާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރ.ޞާލިޙަށް: ކޮންކަމަކާތޯ ތިޔަހާ ބިރުން ތިޔަ އުޅުއްވަނީ. މަނިކުފާނަށް ރައްޔިތުންގެ ލޯބި ނުހޯދުމަކީ ރައީސް ޔާމީނުގެ ކުށެއްތޯ؟ މަނިކުފާނަށް ވާނުވާ ނޭނގުމަކީ ވާދަވެރި ސިޔާސީ ޕާޓީން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްތޯ؟ ބަލަ އެއީ މަނިކުފާނުގެ ނާގާބިލްކަން ނޫންތޯ؟
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގެ މާގުތަކުގައި މުޒާހަރާ ކުރަމުންދަނީ މިރަމަޞާން މަހު ރައީސް ޞާލިހަށް ރަނގަޅު ގޮތެއް ފަހިކޮށްދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވެ ރަމަޞާން މަސް ދެބައިވެގެން ދިޔަ އިރުވެސް އެކަމަށް އިޖާބައެއް ދެއްވާފައި ނުވުމުންނެވެ. ރައީސް ޞާލިހަށް، ރައީސް ޔާމީންގެ އާއިލާގެ ފަރާތްޕުޅުންވެސް ވަނީ ގެއަށް ބަދަލުކޮށް ދެއްވުމަށް އެދި ސިޓީއެއްވެސް ފޮނުވާފައެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް އެކަމަށް އިޖާބަ ދެއްވާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ