ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 171 އަށް އަރައިފިއެވެ.
މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
މަތިވެރިން މިއަދު 47 މީހުން ޕޮޒިޓިވް ވެފައިވާއިރު ނަތީޖާ ނުލިބި 36 ސާމްޕަލެއް ވެއެވެ. މިއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 171 އަށް އަރާފައެވެ. އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މިވަގުތު ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތް އެއްރަށަކީވެސް މަތިވެރިއެވެ.

މަތިވެރިން މިފަހުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަދި އެއްވެސް މީހަކު ރަނގަޅު ވެފައި ނުވެއެވެ.
މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ