އެއްވެސް މީހެއްގެ މުދަލާއި، ތަކެއްޗަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްގެ ލޮރީއެއްގައި ބަޔަކު ރޯކޮށްލުމާއި ގުޅިގެން އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައި ޚަބަރު އޮންލައިނަށް ދެއްވި އިންޓަރވިއުއެއްގައި ޖޭފޯ ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. މިކަމަކީ ކޮންމެ ބަޔަކު ކުރި ކަމެއްކަމުގައި ވީނަމަވެސް މިއީ ވަރަށް ފިޑި އަދި ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭފޯ ވިދާޅުވީ ކޮންމެ މީހެއްގެ މުދަލާއި ތަކެއްޗަކީވެސް ބޮޑެތި ޚަރަދުކޮށްގެން ގަނަފައި ހުންނަ މުދަލަށްވާއިރު އެތަކެއްޗަށް ގެއްލުންދީ ރޯކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. އަދި ރަށުގައި ޕިކަޕް ރޯކޮށްލި މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ޖޭފޯ ވަނީ ގޮވާލައްވާފައެވެ. މިފަދަ އަމަލުތަކަކީ މުޖުތަމައުގެ އަމާންކަން ގެއްލި ރަށުގެ މަސްލަހަތު ގެއްލޭނެ ކަންކަމަށްވުމުން މިބާވަތުގެ އެއްވެސް ކަމެއްގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ޖޯފޯވަނީ ނިލަންދޫގެ ރައްޔިތުންނަށް ގޮވާލާފައެވެ.
ރޯކޮށްލު ކުރީގެ މެމްބަރު ޚަލީލުގެ ލޮރީއޮތީ ކައުންސިލުން އެދިގެން ހިލޭސާބަހަށް ކަމެއް ކޮށްދިނުމަށް ދޫކޮށްފައި ކަމަށް އެ ލޮރީގެ ވެރިފަރާތް ކަމުގައިވާ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުން ލޮރީގެ އަގު ގާތްގަނޑަކަށް 3،50،000 ރުފިޔާއަށް އަރާނެއެވެ.
މިހާދިސާއާއި ގުޅިގެން މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ