ކުރިއަށް އޮތް އެއްވެސް އިންތިޚާބަކުން މޮޅުވާނަމަ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖެހިވަޑައި ގަންނަވާނީ ހިކިފަސްތާ ބަކަތަޅަން ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާ ކަމަށް ބުނެ ކުރީގެ މިނިސްޓަރު މަލީހު ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ހާޒިރުވެ މަލީހު ދެއްކެވި ވާހަކަތަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށް ކޮމިޓީން ނިންމުމާއި ގުޅިގެން މަލީހު ވިދާޅުވީ މަޖިލީހުގައި ޖައްސަވާ ސަކަރާތަކީ އެންމެން އެސަރާތުގައި ޖެހޭނެ ކަމެއް ނޫންކަމަށެވެ.
މަލީހު ވިދާޅުވީ އިންތިޚާބުތަކުގައި ނަތީޖާ ނެރެވޭނީ ވަރަށް ހިތްވަރުކޮށްގެން ރައްޔިތުންގެ ތާއީދާއި އެކުގައި ކަމަށެވެ. މިއަދު އެއްހިތްވަރުވެސް އަދި ރައްޔިތުންގެ ތާއީދުވެސް ނަޝީދަށް ނެތްކަމަށެވެ. އެމްޑީޕީ ބަލިކުރާނެ ފޯމިއުލާއަކީ ކޮބައިކަމާއި އެކަން ކުރަންވީ ގޮތް އެގޭކަމަށް މަލީހު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2023 ވަނަ އިންތިޚާބުގައި ބޮޑުތަނުން ބަލިކުރާނެކަމަށް މަލީ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނުގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގަ. 2013 ހަދާން ނެތުނީތޯ? 2023ގެ ބަލީ މާ ބޮޑުވާނެ. އިންޝާ ﷲ.
– މަލީހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު މަލީހް ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލީހުގެ މެންބަރެއް ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
މައްސަލަ ނިންމާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މަލީހް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށްފަހު ޖަވާބުދާރީވެފައި ނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ