ދުލުގައި ހިފާ ނުދަމާހުރޭ، އިވެންހުރި އަޑުތައް ތާހިރެއް ނުވާނެ: މަވޯޓާ

ދުލުގައި ހިފާ ނުދަމާހުރޭ، އިވެންހުރި އަޑުތައް ތާހިރެއް ނުވާނެ: މަވޯޓާ

Author
މުޙައްމަދު ޝަޒައިމް
27 އޭޕްރިލް 2021 09:03
0

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވައިގެން އެކި ތުހުމަތުގައި އަޅުގައި ދުލުގައި ހިފާދަމާނަ އިވެންހުރި އަޑުތައް މާތާހިރެއް ނުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ދައްކަން ފެށުމުން ޝަރީފަށް ގޮތްގޮތް ވާކަމަށްބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ އޭނާގެ ދުލުގައި ހިފާނަމަ އިވެން ހުރި އަޑުތައް ވަރަށް ގޯސްވާނެކަމަށެވެ. އަދި މިއަދުވެސް މިވާހަތައް ދައްކަން ފެށުމުން ގޮތްގޮތް ވަމުންދަނީ މިކަންކަން ނުވާކަމަކަށް ހަދައިގެން ހުދު ކާފޫރަކަށް ވެގެންތިބި މީހުންނަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިއްޔެ މަޖިލިސް ޖަލްސާގައި އެމްއެމްޕީއާރުސީގެ މައްސަލާގައި ވާހަކަ ދައްކަވަން ފެށުމުން ޝަރީފް ވަނީ ވަރަށް ތަފްސީލުކޮށް ބައެއް މައުލޫމާތު ހާމަކޮށްދެއްވާފައެވެ. ޝަރީފް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް އަދީބާއި އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެކަމަށާއި، ޑިލެއް ހެދިއްޔާ ހަދާފައިވަނީ ރައީސް ނަޝީދާއެކުކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަށް ތާޢިދުކުރައްވާ މެންބަރުން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކެނޑިނޭޅި އެތުހުމަތުތައް އަޅުއްވަމުން ގެންދަވާކަމަށާއި، ސައިކޮޓަރިއާއި އެނޫންވެސް ތަންތަނުގައި އެތުހުމަތު އަޅުއްވާތީ މިއަދު އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާކަމަށެވެ. ޝަރީފަށް ކޮރަޕްޝަންގެ އެންމެބޮޑަށް ތުހުމަތުކުރައްވަނީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލަތް) ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ވިޕާއި އެއްވެސް ކަމެއްގައި ޚިލާފްވެފައި ނުވާނެކަމަށެވެ. ކޯފާ އިސްކުރައްވައިގެން ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައިވެސް އަދި އަދީބުއާއިވެސް އެއްވެސް ޑީލެއް ހައްދަވާފައިނުވާނެކަމަށެވެ. މަޖިލީހުގައި ވަކިގޮތަކަށް ވޯޓު ދެއްވާފައިވާނަމަ ދެއްވާފައިވާނީ ރައީސް ނަޝީދު އެދިވަޑައިގަތްގޮތަށްކަމަށެވެ.

ޝަރީފް ވިދާޅުވީ، ދައްކަން ބައިވަރު ވާހަކަ އެބަހުރިކަމަށާއި، އެ ވާހަކަތައް ދެއްކުމުން ފަޞީހަތްވާނީ އެމްޑީޕީކަމަށެވެ. ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ޝަރީފްގެ މައްޗަށް ބައެއް މެންބަރުން ކުރައްވަމުން ގެންދަވަނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ޤާނޫނަށް ޝަރީފް ހުށައެޅުއްވި އިޞްލާހަކާއި ގުޅިގެންނެވެ. ޝަރީފް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދުކުރުމަށް އިޞްލާހެއް ހުށައަޅާފައެވެ. އަދި އެ އިޞްލާހު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުވެސް ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.