އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ މަޖިލީހުން މިހާރު ބަލަމުންދަނީ އިންތި ރިޔާސަތު ބަލަހައްޓަވާ ސަބްކޮމިޓީއަކުން ކަމުގައި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މައްސަލަ އަކީ، ކުޅޭކުޅޭ މައްސަލައެއް ނޫން ކަމަށާއި، ދިވެހި ރައްޔިތުން އެމްޑީޕީއަށް ތާޢީދުކޮށް ރިޔާސީ އިންތިހާބުގަވެސް މަޖިލިސް އިންތިހާބުގަވެސް ވޯޓުދިނީ ވީ އެންމެ އަވަހަށް އެމައްސަލަބަލާ ދައުލަތުން ގެެއްލުނު ލާރި ވީ އެންމެ އަވަހަކަށް ދައުލަތަށް ހޯދުމަށް ކަމަބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަށް ކުޅޭ ކުޅޭ ކޮމިޓީތަކަށް ހަދަން އުޅުނީމަ ވާނީ ގޯސްކަމަށެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ މަޖިލީހުގައި ބަލަމުންދާ ކޮމިޓީއަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ހަސަން ވިދާޅުވެފައިވަނީ 241 ކޮމިޓީގެ މުޤައްރިރު އެމައްސަލައިގެ މައުލޫމާތު ހޯއްދެވުމަށް އެހާބޮޑު އިސްކަމެއް ނުދެއްވާކަމަށެވެ. ނަމަވެސް ނިހާދުވަނީ މިކަން ސާފުކޮށްދީފައެވެ. މަޖިލީހުގައި މިމައްސަލަ ބަލަމުންދަނީ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީން ކަމަށާއި، އަދި މިހާރު މައްސަލަ ބެލުމަށް ޖޮއިންޓް ސަބް ކޮމިޓީއެއް ނަގައި މައްސަލަ ބަލަނީ އެކޮމިޓީން ކަމަށެވެ. އެކޮމިޓީގެ މުޤައްރިރަކީ އިންތި ކަމަށްވެސް ނިހާދު ވިދާޅުވިއެވެ. އަދި އިންތި މައްސަލަ ނިންމެވި ހާއަވަކަށް އެމައުލޫމާތު ހާމަވާނެކަމަށް ނިހާދު ވިދާޅުވިއެވެ.
މަޖިލިސްގެ އެއްވެސް ކޮމިޓީއަކީ ކުޅޭ ކުޅޭ ކޮމެޓީ އަކަށް ހަދަން އުޅުނީމަ ވާނީ ގޯސް! އެމްއެމްޕީއާރުސީ މައްސަލަ ދިޔައީ ޖުޑީޝަރީ އަދި 241 ކޮމިޓީއަށް! ދެން ޖޮއިންޓް ކޮމިޓީއެއް ހަދައި އެ ކޮމިޓީ މުޤައްރިރަކަށް ލީ އިންތި. އެ ކޮމިޓީއިން މައްލަ ނިންމިހާ އަވަހަކަށް އެކަން ސާފުވާނެ.
– ނިހާދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަކީ ކުޅޭކުޅޭ ކޮމިޓީއަކަށް ހެދުމުގެ ފުރުސަތު އެއްވެސް މެމްބަރަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ވަނީ ރައްދު ދެއްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ