ނަޝީދުގެ އެންގެވުމަށް، މަންދު ކޮލެޖަށް ބަދަލުދޭ މައްސަލަ މާލިއްޔަތު ކޮމިޓީއަށް

ނަޝީދުގެ އެންގެވުމަށް، މަންދު ކޮލެޖަށް ބަދަލުދޭ މައްސަލަ މާލިއްޔަތު ކޮމިޓީއަށް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 05:39
0

މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާދޭން ނިންމި މައްސަލާގައި އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.

މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި މައްސަލާގައި ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މިމައްސަލާއި އޮޓިޓާ ޖެނެރަލް ހަސަން ޒިއަތު އެކުލަވާލި އެސެމަންޓް ރިޕޯޓާއިއެކު މިމައްސަލަ ބަލައި ދިނުމަށް މަޖިލިސް ރައީސް ނަޝީދު ވަނީ މިއަދު މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މަންދު ކޮލެޖަށް ލބިފައިވާ ގެއްލުމާއި ގުޅޭގޮތުން އޮޑިޓް އޮފީހުން 2020 ހަދާފައިވާ އެސެސްމަންޓުން ފާހަގަވި ކަންކަމުގެ މައްޗަށް އޮޑިޓާ ޖެނެރަލް އެކުލަވާލި ރިޕޯޓު ވަނީ 2020 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 21 ވަނަ ދުވަހު މަޖިލިސް ރައީސަށް ސިޓީއަކުން ފޮނުވާފައެވެ.

އެސިޓީގައި ބުނެފައިވަނީ އެމްއީއެސް ހިންގި ބިމާއި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލެއްވުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑް އިން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދޭންޖެހޭނީ 1,279,621 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ނުވަ ހާސް ހަ ސަތޭކަ އެކާވީސް) ރުފިޔާއާއި 1,581,475 (އެއް މިލިއަން ފަސް ލައްކަ އަށްޑިހަ އެއް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ މާލީ ބަދަލެއްކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި، އެންމެ ގިނަވެގެންވެސް މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭންޖެހޭ އަދަދެއްގެ ގޮތުގައި، 1.6 މިލިއަން ރުފިޔާގެ އަދަދެއް ކަޑައަޅުއްވާފައި ވިނަމަވެސް، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މިމައްސަލަ ހައްލުކޮށް މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ދައުލަތުން ވަނީ އެއްވަސް ވެފައެވެ.

ޝަރުޢީ މަރުހަލާގައި، މިމައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.

ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.