މިހާރު ވެރިކަން ކުރަމުންދާ ސަރުކާރަށް ދެއަހަރާއި ބައި ވަމުންދާއިރު ޒީރޯ ޓޮލަރެންސް ދިން ހުރިހާ ކަމެއްވަނީ އިންތިހާއަށް އިތުރުވެފައިކަމަށާއި، މިއަދު ވައްކަމާއި، ރޭޕް ކުރުން އާންމު ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިސަރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް އެކި ކުލަހުވަފެން ދެއްކިކަމަށެވެ. އެންމެ ބޮޑު ހުވަފެނަކަށް ވެފައިވަނީ ވައްކަން ހުއްޓުވައި، ވައްކަމަށް ހުޅުވިފައިވާކަމަށް ބުނި ދޮރުތައް ބަންދުކުރުން ކަމަށެވެ. އޭގެ ތެރެއިން އެމްއެމްޕީއާރުސީ މައްސަލައަކީ އެންމެ ފުރަޔަމަ ބަލާ ނިންމާނެ މައްސަލަކަމަށްވެސް ވައުދުވިކަމަށެވެ.
ނަމަވެސް އެމައްސަލާގައި މިހާތަނަށް ފެނިގެންދަނީ އެކަމުގައި އެންމެބޮޑު މޭސްތިރިޔާ ރަސްމީ އިއްޒަތުގައި ގެންގުޅުންކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމުގައި އެތައްބަޔަކަށް ތުހުމަތު ކުރެވޭކަމަށް މިސަރުކާރުން ވިދާޅުވެ ނަންބަރުތަކެއް އާންމުކުރަމުން ދިޔަ ނަމަވެސް މިހާތަނަށް މިކަމުގައި ބެލުނު އެއްވެސް މައްސަލައެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. ވައްކަން މިއަދު ސަރުކާރާތް ގާތްވެފައިވާ މިންވަރަކީ ކެބިނެޓްގައިވެސް އިންތިހާއަށް ވައްކަން އޮވެ، މުޅި ސަރުކާރުގައި ވައްކަމަށް ތުހުމަތު ނުކުރެވޭ ދިމާލެއް ނެތުންކަމަށް ސައީދު ވިދާޅުވިއެވެ.
ވައްކަމާއި އެއްވަރަށް މިއަދު ކަންބޮޑުވުން އޮތް އަނެއް މައްސަލައަކީ ރޭޕް ކުރުމާއި، ޖިންސީ މައްސަލަތައް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދުގެ ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއަށް މިއީ މިއަދު އެއްވެސް ވަރަކަށް ކަންބޮޑުވުން އޮތް މައްސަލައަކަށްނުވެ މިއިން މައްސަލައަކަށް ދޭންޖެހޭ ސަމާލުކަމެއްވެސް ނުދެއްވާކަމީ ފެންނަން އޮތް މަންޒަރުކަމަށެވެ. މިއަދު ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވަނީ މިސަބަބުތަކަށް ޓަކައި ކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ވޯޓެއް ނެގިޔަސް މިސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށެވެ. މިސަރުކާރުން ފެނިގެންދަނީ އެއްވެސް އިހުލާސްތެރިކަމެއްނެތި ރައްޔިތުންނާއި ބީރައްޓެހި ގޮތަކަށް ވެރިކަން ކުރާ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ