ރައީސް ޔާމީން ލާރިނެގިކަން އަޅުގަނޑަށް ވުރެއްބޮޑަށް އެގޭނެމީހަކު ނުހުންނާނެ: ބޮންޑޭ

ރައީސް ޔާމީން ލާރިނެގިކަން އަޅުގަނޑަށް ވުރެއްބޮޑަށް އެގޭނެމީހަކު ނުހުންނާނެ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 02:22
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ފައިސާ ނެންގެވިކަން އޭނާއަށްވުރެއް ބޮޑަށް އެގޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދަޅުވެއްޖެއެވެ.

ކޯވިޑް -19 ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތަކާއި ގުޅޭ މައްސަލާގައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން ބޮންޑޭ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަގައި ރައީސް ޔާމީން ފައިސާ ނެންގެވިކަން އޭނާއަށްވުރެއް ބޮޑަށް އެގޭނެ ރައްޔިތަކު ނުހުންނާނެކަމަށެވެ.

ރައީސް ޔާމީން އެމްއެމްޕީއާރުސީ މައްސަލާގައި ފައިސާ ނެގިކަން އޭނާއަށް އެގެނީ އެކަން ވަރަށް ގާތުން ލޮލުން ދެކެ އަތުން ހިފާފައި ވާތީކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުއްގުރި މައްސަލާގައިވެސް ފައިސާ ނަންގަވާފައިވަނީ އެސްޓޯއޯ މެދުވެރިކޮށް ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އަޅުގަނޑު މިދަންނަވަނީ ޔާމީން އެހެރީ ނަންގަވައިގެންނޭ. އަޅުގަނޑަށްވުރެއް ރަނގަޅަށް އެކަން ނޭގޭނެ އެއްވެސް ރައްޔިތަކަށް. އަޅުގަނޑުގެ ލޮލުންދެކެ އަތުން ހިފާފައި ހުރިކަމެކޭ އެއީ. އެހެންވީމާ ޔާމީން ފުއްގިރި މައްސަލައިގައި ފައިސާ ނަގައިގެންނޭ އެހެރީ. ފައިސާ އެސްޓޯއީ މެދުވެރިކޮށް އެހެން ދިމާލަކަށް އެފައިސާ ގެންގޮސް އެފައިސާ ނަގައިގެންނޭ އެހެރީ. އަޅުގަނށަށްވުރެއް ބޮޑަށް އެކަން ނޭގޭނެޔޭ މިބުނަނީ. އޭނަ ނަގައިގެންނޭ އެހެރީ.

– ބޮންޑޭ ވިދާޅުވިއެވެ.

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުވަނީ މަޖިލީހުގައި އެކި ފަހަރު މަތީން މިވާހަކަ އެކި ގޮތްގޮތަށް ދައްކަވާފައެވެ. ނަމަވެސް މިހާތަނަށް މަޖިލީހުން މިމައްސަލައިގައި ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.