ކުށެއްގެ ތުހުމަތު ކުރެވޭ މީހުން އަސާސީ ހައްގުތަކުން މަހުރޫމް ނުކުރެވޭނެ: އަލްހާން

ކުށެއްގެ ތުހުމަތު ކުރެވޭ މީހުން އަސާސީ ހައްގުތަކުން މަހުރޫމް ނުކުރެވޭނެ: އަލްހާން

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 11:45
0

މީހެއްގެ މައްޗަށް ކުށެއް ތުހުމަތު ކުރެވުމަކީ އެމީހަކަށް ލިބިދޭ އަސާސީ ހައްގުތަކުން އެމީހަކު މަހުރޫމްވާންޖެހޭ ކަމެއް ނޫންކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ އަންނަ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިޔާނާތާއި، ތަފާތުއެކި ތުހުތަމު ކުރެވޭ މީހުންނަށް ވާދަނުކުރެވޭނެކަމަށް ނިންމުމާއި ގުޅިގެންނެވެ. އަލްހާން ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ އެމީހަކު ކުށްވެރިއަކަށްވެ އަސާސީ އެންމެހައި ކަންކަމުން މަހުރޫމް ވާންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެފުރުސަތު އެމީހަކަށް ބަންދުވެސް ވެގެން ނުވާނެކަމަށެވެ.

ކުށެއްގެ ތުހުމަތަކީ ކުށްވެރިވުމެއް ނޫން! ކުށެއް ސާބިތު ނުވާ މީހަކީ ކުށްވެރިއަކަށް ބަލައިގެން އެއްވެސް އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް!

– އަލްހާން ވިދާޅުވިއެވެ.

އެފަދަ މީހުންނަށް އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އަންނަ މަހު 29 ގައި ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އެކި މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކެއް އޭނާ ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެއެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް އެ އިންތިހާބުގައި ބައިވެރިއެއް ނުވެވެއެވެ.

އަދި މީހުން މެރުމާއި ރޭޕް ކުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ކޮށްފައިވާ މީހުންނަށް ވެސް އެމްޑީޕީގެ އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތް ހެދުމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.