ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ރަނގަޅުވުމާއި އެކު، ގަނޑު ކުރެވޭ ރޭޓަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ ބުދަ ދުވަހުގެ ނިޔަލަށް މަސް ކިރާނީ ކޮންޓްރޯލް ކުރެވިގެން ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިކަން ހާމަކޮށް އެކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިދުވަސްވަރު ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އާދަޔާ ޙިލާފަށް ރަނގަޅުވެ، ދެކުނުގެ ބޯޓުތަކާއި ސެންޓަރުތަކަށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިތައް މަސް ކިރުވަމުންދާ ކަމަށެވެ. އަދި މިހެން ވުމާއި މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ކުރުވަން އައުމާއި އެކު، މަސް ކިރުވުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
އެކުންފުނިން ބުނެފައިވަނީ މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރާއި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 އެޕްރީލް އިން 28 އެޕްރީލް 2011 ދުވަހުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސައިފައިވާކަމަށެވެ. މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ އާއި އައްޑޫ ގައި މިހާރު ކިޔު ނަމްބަރު ދެވިފައިހުރި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއްނެތި ގަންނަގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ރައްޖޭގެ ދެކުނުގައި މިވަގުތު މަސްވެރިކަން ރަނގަޅުވެފައިވާކަން މިފްކޯއިން ހާމަކޮށްފައިވާއިރު، އެކުންފުނިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާޢިމު ކުރެވިފައިވާ އެކުންފުނީގެ ފެސިލިޓީތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ
ކޮމެންޓު ފޮނުވާ