ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 76،900 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 5،940 މީހުންވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 3،154 މީހުންނާއި، އަތޮޅު ތަކުން ވެކްސިން ޖެހި 2،786 މީހުންނެވެ. މިއާއުކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 76،923 އަށް އަރާފައެވެ.
ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،213 މީހުންނެވެ. އޭގެ ތެެރޭގައި ހިމެނެނީ އަތޮޅު ތަކުން ވެކްސިން ޖެހި 846 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 367 މީހުންނެވެ. މިއާއިއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 291،227 އަށް އަރާފައެވެ.
މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.
ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރުވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮމެންޓު ފޮނުވާ