2008 ވަނަ އަހަރު ދިވެހިރާއްޖެ އާގާނޫނު އަސާސީއެއް ބަލައިގަނެ، އެގާނޫނުގެ އަސާސީގެ ހިޔާވަހިކަމުގެ ދަށުން ވަނީ މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމެއްވެސް ބަލައިގެންފައެވެ. އަދި މިނިޒާމުގެ ދަށުން ތިން ދައުރެއްގެ ތެރޭގައި ހަތަރު ރައީސުން ދިވެހިންނާއި ބައްދަލު ކޮށްފިއެވެ. އަދި ޒަމާނީ ޑިމޮކްރަސީގެ ނިޒާމުތައް ހިގާ އުސޫލުގެ ތެރެއިން، މިއިން ކޮންމެ ރައީސަކުވެސް ވަނީ އިންތިޚާބު ވުމަށްޓަކާ މެނިފެންސްޓޯއެއް ހިއްޕަވައިގެން ވަޑައިގެން އެމެނިފެސްޓޯ ތަންފީޒު ކުރެއްވޭތޯ ގަދަ އަޅާ މަސައްކަތްވެސް ކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދާއި، ރައީސް ވަހީދަށް ވެރިކަން ކުރައްވާން ފުރިހަމަ ދައުރެއް ލިބިވަޑައިނުގެންނެވި އިރު، ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ ވާރުތަ ކުރި މެނިފެސްޓޯއަކާއި، ރައީސް ނަޝީދުގެ ދައުރުން ބައެއްކަން ފާހަގަ ކޮށްލަމެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެއްވެސް ރައީސަކަށް، ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައިގެން ރައްޔިތުންގެ ތާއީދު ހޯއްދެވިފައެއް ނުވެއެވެ. ރިޔާސީ ކެޑިޑޭޓުން ރިޔާސީ އިންތިޚާބުތަކަށް ވައުދުވެ ވަޑައިގަންނަވަނީވެސް މިހަގީގަތް އެގިތިއްބަވައިގެންނެވެ. ނަތީޖާއެއްގެ ގޮތުން، ވައުދުތައް ފުއްދެވުމަށްޓަކާ ސިޔާސީ ޗަރުކޭސް ކުޅުއްވައިގެން، ކަންކަން ދެކޮޅު ޖެއްސެވުމަށް ވަރަށްގިނަ ރައީސުންނަށް މަޖުބޫރު ވެވަޑައިގަންނަވައެވެ. އަދި އަނެއްބައި ފަހަރަށް، ނުކުރެވޭ ކަންކަމުގެ ޒިންމާ ނިމިދިޔަ ސަރުކާރުގެ ބޮލަށް ޖަހާލާ، ކުރެވުނު ކަންކަމުންވެސް ވެރީން މެޑަލް ޖައްސަވައެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމި، އެ ވެރިކަމުގައި ހިގައިދިޔަ ކޮރަޕްޝަނާއި، އަނިޔާގެ ކަންކަން ބަލާނެކަމުގެ ވައުދުތަކާއި އެކީގައެވެ. އަދި އޭރު ވެރިކަމުގެ ތެރޭގައި ހުރި ޚުދުމުޚްތާރު ސިފަތައް ނައްތަވާލައްވާ، އަމާން އިންސާފުވެރި ވެއްޓެއް ގާއިމް ކުރައްވާނެ ކަމުގެ ވައުދުތަކާއި އެކީގައެވެ. ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރުގެ ކޮރަޕްޝަނާއި، ފަސާދައާއި، އަނިޔާވެރިކަމުގެ އަމަލުތައް ތަހުގީގު ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ރައީސް މައުމޫން ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށް، އިދިކޮޅު ބައެއް ލީޑަރުން އާރަށުގައި ބަންދު ކުރެއްވިއެވެ. ކުރީ ސަރުކާރުން ހިންގި ލާއިންސާނީ ކަންކަމާއި ކޮރަޕްޝަންގެ މައްސަލަތަކަށް އިންސާފު ގާއިމް ކޮށްދިނުމަށްޓަކައެވެ. ވެރިކަމަށް ވަޑައިގެންނެވުނުތާ 3 އަހަރުވީތަނާ ވެރިކަން ވެއްޓި ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީއެވެ. 3 އަހަރުގެ ތެރޭގައި އިވުނު ވާހަކަތަކަކީ ކުރީ ސަރުކާރުން ސިއްހީ ދާއިރާ އިދަ ޖައްސާލާފައިވާ ކަމުގެ ވާހަކަތަކެވެ. ކުރީ ސަރުކާރުން އިގްތިސާދު އިދަ ޖައްސާލާފައިވާ ކަމުގެ ވާހަކަތަކެވެ. މިހުރިހާ ޝަކުވާތަކާއެކުވެސް، ކުރީ ސަރުކާރަށް ނިސްބަތްވި އެއްވެސް މައްސަލައަކަށް ހައްލު ގެނެވުނު މަންޒަރު ފެނިގެނެއް ނުދިޔައެވެ. އެންމެ ފަހުން ވެރިކަން ވައްޓާލީވެސް ކުރީ ސަރުކާރުގެ އިސްވެރިން އަޑީގައި ތިއްބަވައިގެން ކަމުގައި ރައީސް ނަޝީދާއި އެމަނިކްފާނަށް ތާއީދު ކުރާފަރާތަކުން ވިދާޅުވާން ފެއްޓެވީއެވެ.

ރައީސް ވަހީދުގެ ވެރިކަން ނިމި، ރައީސް ޔާމިންގެ ވެރިކަން ފެށުމުން، ދެރައީސުންގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، އިގްތިސާދީގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އަދި ސިޔާސީގޮތުންވެސް އޭރު ގައުމަށް ކުރިމަތިވެފައިވި ގޮންޖެހުންތަކުގެ ހުރިހާ ޒިންމާއެއް ރައީސް ޔާމީން އެޅުއްވި މަންޒަރު ފެނިގެން ދިޔައީ އެމަނިކްފާނުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެމްޑީޕީގެ ވެރިންގެ ބޮލުގައެވެ. ރައީސް ޔާމިންގެ ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދި، ސިޔާސީ ހަމަޖެހުން ގެއްލި ދިއުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކުރީ ސަރުކާރު (އެމްޑީޕީގެ ސަރުކާރު)ކަމަށެވެ. ކުރީ ސަރުކާރުން މިޒިންމާތައް އުފުލަން ޖެހޭނެކަމުގެ ޝަކުވާތަކާއި އެކީވެސް، މިއިން އެއްވެސް މައްސަލައަކަށް ހައްލެއް ހޯއްދަވައެއް ނުދެއްވުނެވެ. ސިއްޙީ ނިޒާމަށް އާރޯކަމެއް ނައެވެ. ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައެއް ނުދެއްވުނެވެ. ކުރިމަތިވެފަ އޮތް އިޖުތިމާޢީ އިގްތިސާދީ މައްސަލަތައް އެގޮތުގަ ދެމިއޮތީއެވެ.
ރައީސް ޔާމިންގެ ވެރިކަން ނިމި އާދައުރަކަށް އަލިވިލުނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅު މައްޗަށެވެ. ވެރިކަމަށް ވަޑައިގެންނެވީ ނުހަނު ގިނަގުނަ ވައުދުތައް ވެވަޑައިގެންނެވުމަށް ފަހުއެވެ. މެނިފެސްޓޯއެއް ހިއްޕަވައިގެންނެވެ. ކުރީގެ ރައީސުންނެކޭ އެއްފަދައިން، ރާއްޖެއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކަމުގައިވާ، ބޯހިޔާވަހި ކަމުގެ މައްސަލަތަކާއި، ސިއްޙީ ޚިދުމްތަކުގެ އިތުރުން، އިގްތިސާދު ނަގާ ކޮޅަށް ޖައްސަވާނެ ކަމުގެ ވައުދުތަކެވެ.

ވެރިކަމަށް ދެއަހަރު ވެގެންދާއިރު، ބޯހިޔާވަހި ކަމުގެ މައްސަލައިގެ ހަގީގީ ޒިންމާ މިސަރުކާރުން އަޅުއްވާ މަންޒަރު ފެންނަމުން ދަނީ ކުރީ ސަރުކާރުން އެޅުއްވި ހިޔާ ފްލެޓްތަކުގައެވެ. މައްސަލައަށް އަދިއަދާ ހަމައަށް ހައްލު ހޯއްދަވާ ދެއްވޭ މަންޒަރެއް ނުފެނެއެވެ. ގައުމުގެ ދަރަނި އިންތިހާއަށް މައްޗަށް ދިއުމުން މުޅިންވެސް އިވެމުންދަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ވާހަކަ ތަކެވެ. ކުރީ ސަރުކާތަކުން ދައުލަތް ދަރުވާލާފަ ވާ ކަމުގެ އަޑުތަކެވެ. ހަމަ އެއާއިއެކު މިސަރުކާރުންވެސް ލޯން ނަންގަވަނީއެވެ. މައްސަލައަށް އިހްތިސާދީ ހައްލެއް އަދި އަދަކު ފެންނާކަށް ނެތެވެ.
ސިއްޙީ ޚިދުމަތަކީ މުޅި ރާއްޖެއަށް ފެތުރިފަ އޮތް ބިޔަ ބޮޑު ޚިދުމަތަކަށް ވާއިރު، މި ޚިދުމަތުން ފެންނާން ހުރި އުނިކަންކަމަކީ ކުރީ ސަރުކާރަށް ނިސްބަތްވާ ކަންކަމުގެ ގޮތުގައި މެނުވީ މިސަރުކާރުން ސިފަކުރާތަނެއް ނުފެނެއެވެ. އަދި މީގެ އިތުރަށް، ރައީސް ޔާމިންގެ ދައުރުގައި ސިއްޙީ ދާއިރާއަށް ގެނެފިވައިވާ ހެޔޮ ބަދަކުގެ ތެއިން އެންމެ ކަމެއްގެ ޝުކުރުވެސް މިސަރުކާރުން އެމަނިކުފާނަށް އަދާކޮށްދޭކަށް ބޭނުމެއްވެސް ނުމެ ނޫންކަން މިސަރުކާރުގެ އިސްވެރިންގެ ބަސްމަގުން ސާފުކޮށް ފެންނާން އެބަހުއްޓެވެ.
އިގްތިސާދީ ގޮތުން މިއަދު ގައުމަށް ކުރިމަތިވަމުންދާ ގޮންޖެހުން ތަކަކީ ކޯވިޑް19 އާއި ގުޅުން ހުރި މައްސަލަތަކެއް ކަމުގައި ވީނަމަވެސް، ކޯވިޑް 19ގެ ކާރިސާގެ ކުރިޔަށްވެސް ގައުމުގެ އިގްތިސާދީ ހާލަތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަޒީފާތަކެއް އިތުރު ކުރެވިފައެއް ނުވެއެވެ. ތަކެތީގެ އަގު ތިރިއެއް ނުކުރެވުނެވެ. އާންމު ފަރުދުންގެ ވިޔަފަރިތައް ފުޅާ ވެގެނެއް ނުދެއެވެ. ހުރިހާ ކަމަކަށްވެސް މިސަރުކާރުގެ އުޒުރަކަށް ވެގެން ދަނީ ކުރީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފުޑާލާފައި ވާ ކަމުގެ ޝަކުވާތަކެވެ. އިގްތިސާދީ މައްސަލަތަކަށް ހައްލު ގެންނާނޭ ފޯމިއިލާއެއް، ޕްލޭނެއް ދެކުމެއް ނެތިއެވެ.
ކޮންމެއަކަސް، ޒަމާނީ ޑިމޮކްރަސީއަށްފަހު ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ބޭފުޅަކުވެސް، ވެރިކަމަށްފަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމަކީ މިއަދު ރާއްޖޭގެ ސަގާފަތަކަށް ވެއްޖެއެވެ. ހަމަ އެބީދައި، ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ކުރެވުނު ތަރައްގީގެ މަސައްކަތްތަކުން މެޑަލް ޖައްސަވާ، ނުފުއްދޭ ވައުދުތައް ކުރީ ސަރުކާރު ބޮލަށް "ކަޑާލުމުގެ" އާދަވެސް މިއަދު މިއޮތީ ސަގާފަތަކަށް ވެފައެވެ. މިނިވަން ޑިމޮކްރަސީގެ ނިޒާމުގައިވެސް، ނުރަގަޅު އާދައެއް ފެންނާން އޮތްނަމަ އެކަމެއް އަޅުގަޑުމެން މިތިބީ ބަލަގައިގަނެ ގެންނެވެ. ވާނީވެސް އެހެންތާއެވެ. ރިޔާސީ އިންތިޚާބުތަކުގައި އެއެއް މިއެއް ބަލާލުމެއްނެތި، ނުކަތާވަރަށް ވެވަޑައިގެންނެވި ވައުދުތަކާއިގެން ވެރިން ވެރިކަން ކުރައްވަން ދިމާ ކުރެއްވީމަ މިނޫން ދުވަހެއް ނުފެންނާނޭ ކަމީވެސް ގަބޫލު ކުރަންޖެހެ ހަގީގަތެކެވެ. ހުއްޖަތަކަށް ދައްކަވަން އޮންނާނީ ހަމަ އެކަނި ކުރީ ސަރުކާރެވެ.
ކޮމެންޓު ފޮނުވާ