އެމްޑީޕީން މަސައްކަތް ކުރަނީ އެމްއެމްޕީއާރުސީ ޚިޔާނާތުން ރެކުމަށް: ހައިލަމް

އެމްޑީޕީން މަސައްކަތް ކުރަނީ އެމްއެމްޕީއާރުސީ ޚިޔާނާތުން ރެކުމަށް: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
26 އޭޕްރިލް 2021 09:26
0

އެމްއެމްޕީއާރުސީގެ ޚިޔާނާުގެ ބޮޑުން ގޭގައި ބައިތިއްބައިގެން އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އެޕާޓީއަކީ އެޚިނާޔާތާއި ދުރު ބަޔަކަށް ވުމަކަށް ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންނަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީންވަނީ ފާސްކޮށްފައެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އެކި މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތައް ކަނޑައެޅިއިރު އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް އެ އިންތިހާބުގައި ބައިވެރިއެއް ނުވެވެއެވެ.

މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވި ބޮޑުން ގޭގައި ބައިތިބައިގެން އެމައްސަލަތައް ބެލުމެއްނެތި އެ ޚިޔާނާތާއި ދުރުބަޔަކަށް ވުމަށް ވަރަށް މަސައްކަތް ކުރާކަމަށެވެ. ރައްޔިތުން އެމްޑީޕީއަށް ވެރިކަމާއި މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމުންވެސް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާނުކޮށް ބަލަނީ މިކަންކަމުން ރެކެވޭތޯ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައްޔިތުން ތިޔަ ޕާޓީއަށް ދައުލަތުގެ ތިންބާރު ދިނުމުންވެސް، އެމްއެމްޕީއާރުސީން ފައިސާ ނެގި އެންމެން ގޭގައި ބައިތިއްބައިގެން، އެމްއެމްޕީއާރުސީ ޚިޔާނާތާ މާ ދެކޮޅު ޕާޓީއެއްކަމަށް ދެއްކެން އުޅޭ ސަބަބެއް ނުވިސްނޭ.

– ހައިލަމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ 2020 ވަނަ އަހަރު ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ކުރައްވާފައި ނުވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.