އަތޮޅު ކައުންސިލް ރައީސްގެ މުސާރަ ކަނޑައަޅާފައިވަނީ ހަމަޖެހޭ ގޮތަކަށް ނޫން: ވައްޑެ

އަތޮޅު ކައުންސިލް ރައީސްގެ މުސާރަ ކަނޑައަޅާފައިވަނީ ހަމަޖެހޭ ގޮތަކަށް ނޫން: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 09:36
0

އަލަށް އިންތިޚާބު ވެފައިވާ ކައުންސިލަރުންނަށް މުސާރަ ކަނޑައެޅިއިރު، އަތޮޅު ކައުންސިލް ރައީސެއްގެ މުސާރަ ކަނޑައަޅާފައިވަނީ ހަމަޖެހޭ ގޮތަކަށް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ ކައުންސިލްތަކުގެ ވެރިންނަށް ދޭ މުސާރަތައް ޕޭ ކޮމިޝަނުން ހުށަހެޅި ގޮތަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން، މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ.، އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ.، ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަ އެކެވެ.

މިމުސާރައިގެ އޮނިގަނޑުގައިވާ ގޮތަށް ފާޑުވިދާޅުވެ ވަހީދު ވިދާޅުވީ އަތޮޅު ކައުންސިލް ރައީސަކީ މުޅި އަތޮޅުގެ ކަންކަން މަތިކޮށްފައިވާ މީހާއަށްވާއިރު އޭނާގެ މުސާރަ ސިޓީ ކައުންސިލެއްގެ ވަކި ދާއިރާއަކަށް ނިސްބަތްވާ ކައުންސިލް މެމްބަރަކަށްވުރެ ކުޑަވުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށެވެ. އަދި އަތޮޅު ކައުންސިލަރުންނަކީ މުޅި އަތޮޅަށް ދަތުރުކޮށް އަތޮޅުގެ އެންމެހައި ކަންކަން ބަލަހައްޓަންޖެހޭ ބަޔަކަށްވާއިރު މި މުސާރަތަކުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ވަހީދު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލަރުންނަކީ މުޅި އަތޮޅު އެންމެންގެ ވޯޓުން ހޮވޭ ބަޔަކަށްވާއިރު، އަދި މުޅި އަތޮޅަށް ދަތުރު ކުރަންޖެހޭ މީހަކަށްވާއިރު، ސިޓީއެއްގެ ވަކި ދާއިރާއަކުން ހޮވޭ މީހަކަށްވުރެ، އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަވުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށް ދެކެމެވެ.

– ވަހީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކަށް 13،508،000 ރުފިޔާ އަދި އަހަރަކަށް 162،096،000 ރުފިޔާ ޙަރަދުވާނެކަމަށް ކޮމިޓީން އަންދާޒާކުރެއެވެ.  މިހާރު ހަމަޖައްސާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ޢަދަދަށް ބަލާއިރު މަހަކަށް 7،088،000 ރުފިޔާ އަދި އަހަރަކަށް 85،056،000 ރުފިޔާގެ އިތުރުވުމެއްކަމަށް ކޮމިޓީން އަންދާޒާކުރައްވައެވެ.

ކައުންސިލް މެމްބަރުންގެ މުސާރަތައް ކަނޑައެޅި ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދޭ އެލަވަންސް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސައިން
އަދިވެސް ބޮޑުކޮށްލާ!