ގެއްލުނު ސަބްމެރިންގެ ހުރިހާ ފަޅުވެރިންވެސް ވަނީ މަރުވެފަ: އިންޑޮނޭޝިއާ

ގެއްލުނު ސަބްމެރިންގެ ހުރިހާ ފަޅުވެރިންވެސް ވަނީ މަރުވެފަ: އިންޑޮނޭޝިއާ

Author
ހުސެއިން
25 އޭޕްރިލް 2021 07:32
0

ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު ގެއްލިފައިވާ އިންޑޮނޭޝިއާގެ ނޭވީ ސަބްމެރިންގެ ބައިތައް ކަޑުގެ އަޑިން ފެނިފައިވާ ކަމަށާއި، އަދި ސަބްމެރިންއިން ދަތުރު ކުރަމުންދިޔަ 53 ފަޅުވެރިންވެސް މަރުވެފައި ވާކަން ޔަގީން ކުރެވިފައިވާ ކަމަށް، އިންޑޮނޭޝިއާގެ މިލިޓަރީ ކޮމާންޑަރ އެއަރ ޗީފް މާޝަލް ހާދީ ޖަހުޖަންޓޯ ވިދާޅުވެއްޖެއެވެ.

ގެއްލިފައިވާ ސަބްމެރިން ކަނޑުގެ އަަޑިން ހޯދިފައިވާކަން އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައި މިވަނީ، މި ސަބްމެރިކްގެ ބައިތައް ކަމަށް ބެލެވޭ ބައެއް ބައިތަސް، އެންމެފަހުން ސަބްމެރިންގެ މައުލޫމާތު ލިބިފައިވާ ސަރަހައްދާއި 2 މޭލެއްހާ ދުރުން ފެނުނުތާ އެއްދުވަސް ފަހުންނެވެ.

މިލިޓަރީ ކޮމާންޑަރ ޖަހުޖަންޓޯ ވިދާޅުވި ގޮތުގައި، އިންޑޮނޭޝީއާގެ އަސްކަރީ މަނަވަރުތަކުންވަނީ، ސަބްމެރިން ގެއްލިފައިވާ ސަރަހައްދު، ސޯނާރ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހޯދާ ބަލާފައެވެ. ސޯނާ ޓެކްނޮލޮޖީއަކީ، ސައުންޑް ވޭވްގެ ބޭނުން ކޮށްގެން ސަރަހައްދުތައް ދެނެގަންނަ ޓެކްނޮލޮޖީއެކެވެ. އަދި އެއަށްފަހު، ސިންގަޕޯރުގެ އެމްވީ ސްވިފްޓް ރެސްކިއު އުޅަދުންވަނީ، މިސަރަހައްދުގެ ކަނޑުގެ އަޑި ހޯދާ ބެލުމަށްޓަކާ، ރިމޯޓް ކޮންޓްރޯލުގެ އެހީގައި މަސައްކަތް ކުރާ އުޅަދެއް މިސަރަހައްދުގެ ކަނޑުގެ އަޑިއަށް ފޮނުވާ، ކަނޑުއަޑީގެ ސާފު މަންޒަރުތައް ބަލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަހަރެމެންނަށް ވަނީ، ނަންގަލަ ސަބްމެރިންގެ ބައިތައް ކަނޑުގެ އަޑިން ފެނިފަ. މީގެތެރޭގައި، ސަބްމެރިންގެ ހުންގާނު، ސަބްމެރިންގެ ބޮޑީގެ ބައިތައް، އަދި މީގެ އިތުރުންވެސް، ކުރޫން ބޭނުންކުރާ ސަލާމަތީ އަންނައުނުވެސް ހިމެނޭ،" ޖަހުޖަންޓޯ ވިދާޅުވިއެވެ.

ގެއްލިފައިވާ ސަބްމެރިންއިން ހޯދިފައިވާ ކުރޫންގެ ސަމަތީ އަންނައުގެ ބައިތައް ނޫސްވެރިންނަށް ދައްކާލަނީ

"ފެނިފައިވާ ބައިތަކުން ލިބެންހުރި ސާފު ހެކިތަކުގެ މައްޗަށް ބިނާކޮށް، އަހަރެން ދަންނަވަން، ނަންގަލަ ސަބްމެރިންވަނީ، ކަނޑުގެ އަޑިއަށް ފެތިފަ، އަދި މި ސަބްމެރިންގައި ދަތުރު ކުރަމުންދިޔަ ހުރިހާ ކުރޫންވެސް ވަނީ މަރުވެފަ."

މި ސަބްމެރިން ކަޑުގެ އަޑީގައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް ލިބިފައިވަނީ، ސިންގަޕޫރުގެ ރެސްކިއު އުޅަދަކުން މާ ކަނޑުގެ އަޑިއަށް ފޮނުވި ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރާ އުޅަދެއް ބޭނުން ކޮށްގެންނެވެ.

މިގޮތުން، އިންޑޮނޭޝިއާގެ ނޭވީ ޗީފް ޔޫޑޯ މަރގޯނޯ ވިދާޅުވި ގޮތުގައި، ސަބްމެރިން ފެނިފައިވަނީ، ކަނޑުގެ އަޑިން 850 މީޓަރު ފުނުންނެވެ. އަދި ސަބްމެރިންވަނީ، ބިންދައިގެން ގޮސް، 3 ބަޔަކަށް ބައި ވެފައެވެ.

އިންޑޮނޭޝިއާގެ މިލިޓަރީ ކޮމާންޑަރ އެއަރ ޗީފް މާޝަލް ހާދީ ޖަހުޖަންޓޯ ވަނީ، ސަބްމެރިންއިން ދަތުރުކުރި ކުރޫންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ވިދާޅުވީ، "ގޯލްޑެން ޝާކް ޔުނިޓް"ގެ ނަމުން ނަންދެވިފައިވާ މި ޔުނިޓްގެ ހުރިހާ ފަޅުވެރިނަށްވެސް ޝަރަފުގެ މަގާމްތައް ދެވި، ރޭކްތައް މަތި ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަބްމެރިން ކަނޑުގެ އަޑިން ނެގުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނެތީ، އިންޑޮނޭޝިއާގެ ސަރުކާރުން، އިންޓަރނޭޝަލަން ސަބްމެރިން އެސްކޭޕް އެންޑް ރެސްކިއު ލިއަސަން އޮފީހާއި ގުޅިގެން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

މި ސަބްމެރިން ގެންލެން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ނޭގިއެވެ. އިންޑޮނޭޝިއާގެ ނޭވީއިން ބުނެފައިވަނީ، ސަބްމެރިންގެ އިލެކްޓްރިކް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން، އެމަޖެންސީކޮށް، ފެނުން މައްޗަށް އެރުމަށް އަމަލްކުރަންޖެހޭ ބޭނުންކުރަންޖެހޭ ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ވެނަފައި ނުވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ޖަރުމަނުން ބަނދެފައިވާ، ޑިސަލް ބޭނުން ކޮށްގެން ދުއްވާ،  KRI Nanggala-402 މަރުކާގެ މި ސަބްމެރިންއަކީ 1981 އިން ފެށިގެން އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ ސަބްމެރިން އެކެވެ. އިންޑޮނޭޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، މި ސަބްމެރިން ގެއްލުނުއިރު، ސަބްމެރިންގައި ތިބީ، 43 ފަޅުވެރިންނާއި، ޓޯޕިޑޯ އޮޕްރޭޓްކުރާ މީހުންނާ އަދި ސަބްމެރިންގެ ކޮމާންޑަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.