ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ހުށަހަޅައިފި

ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
25 އޭޕްރިލް 2021 03:21
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފަށް ސްޕްރީމް ކޯޓަށް ބޭނުންވާ ލިޔުންތައް މިއަދު އެކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާޕްޕުޅުން މިލިޔުންތައް އެކޯޓާއި ހަވާލުކުރީ އެމަނިކުފާނުގެ ޤާނީނީ ޓީމުގެ ފަރާތުންނެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ، އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގެންފައި ވަނީ މިމަހުގެ19 ވަނަ ދުވަހުއެވެ.

‏ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށް ހައިކޯޓުން ތާޢީދުކޮށްފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ އެ ކޯޓުން ބަލައިގަނެ މައްސަލައިގެ ކޮޕީ ސެޓްތައް ހުށަހެޅުމަށް އަންގާފައިވާ ގޮތުގެމަތިން 4 ކޮޕީ ސެޓް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފިން.

– ރައީސް ޔާމީގެ ޤާނޫނީ ވަކީލް އާދަމް ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ހައިކޯޓުގެ ނިންމެވުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވި މައްސަލަ އެކޯޓުން ބަލައިގެންފައި ވީނަމަވެސް، އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.