މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބުވި މެމްބަރުންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފިއެވެ.
މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ މުސާރަތަކުގެ ތަފްސީލަށް ބަލާއިރު ސިޓީ ކައުންސިލަތަކަށް ކޮމިޓީން މުސާރަ ކަނޑައަޅައި ފާސްކޮށްފައި ވަނީ، މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ އާއިއެކު، 40،000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ފާސްކުރި އިރު، މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށެވެ.
ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ ދިނުމަށާއި ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށެވެ.
މީގެ އިތުރުން ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިހާރު ކައުންސިލް ރައީސްއަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ ލިބޭ އިރު، ކައުންސިލުގެ ނައިބު ރައީސްގެ މުސާރައަކީ 12،000 ރުފިޔާއެވެ. އަދި ރަށު ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 10،000 ރުފިޔާއެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާ އިން 28،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެއީ 22،400 ރުފިޔާގެ މުސާރަ އަކާއި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުގެ ސަބަބުން މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކަށް 13،508،000 ރުފިޔާ އަދި އަހަރަކަށް 162،096،000 ރުފިޔާ ޙަރަދުވާނެކަމަށް ކޮމިޓީން އަންދާޒާކުރެއެވެ. މިހާރު ހަމަޖައްސާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ޢަދަދަށް ބަލާއިރު މަހަކަށް 7،088،000 ރުފިޔާ އަދި އަހަރަކަށް 85،056،000 ރުފިޔާގެ އިތުރުވުމެއްކަމަށް ކޮމިޓީން އަންދާޒާކުރައްވައެވެ.
ކައުންސިލް މެމްބަރުންގެ މުސާރަތައް ކަނޑައެޅި ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދޭ އެލަވަންސް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ.
ކޮމެންޓު ފޮނުވާ