ފައިސާ ޗާޕްކުރުމުގެ ހުއްދައަށް އެދުނީ މިމަހުގެ މުސާރަވެސް ދެވޭނެ ގޮތެއްނެތުމުން އަވަސް އަރުވާލައިގެން ތެޅި ފޮޅިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސާ ޗާޕް ކުރުމަށް މަޖިލީހުން ހުއްދަ ދިނުމަށް ފާސްކުރުމާއި ގުޅިގެން އެކަމުގެ ތަފްސީލް ދެއްވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުން މިމައްސަލަ ފާސްކޮށްފައިވަނީ ރައްޔިތުންނަށް ލިބޭނެ ދެރައާއި ނިކަމެތިކަމާއި ގެއްލުން އެގި ތިބެކަމަށެވެ. މިސަރުކާރާއި މިސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ރައްޔިތުންގެ މާލިއްޔާއާއި ހިތުހުރި ގޮތަކަށް ކުޅެ ދައުލަތުގެ މާލިއްޔާ އެކީ ހުސްކުރަމުންދަނީ ނޭގިތިބެ ނޫންކަމަށާއި އެގިގެން ގަސްތުގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނިމިދިޔަ އަހަރުގައި 4.4 ބިލިޔަން ރުފިޔާ ޗާޕްކޮށް ހުސްކޮށްފައިވާއިރު ރާއްޖޭގެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ. މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބުމާއި، ދަނޑުވެރިންނާއި އެތަކެއް މަސައްކަތެރިން ކުރާ ބުރަމަސައްކަތަށް ހަމަ އަގު ނުލިބޭކަމަށެވެ.
ކޮންމެ އަހަރަކުވެސް ފައިސާގެ ދަތިކަން ބޮޑުވުމުން ތެޅި ފޮޅިގަނެގެން ފިނޭންސް މިނިސްޓަރ މަޖިލީހަށް ފައިސާ ޗާޕްކުރަން ފޮނުވަނީ އެއްވެސް ގޮތެއް ނެތުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިމަސް މިހާރު ނިމުމަކާއި ކައިރިވެފައިވާއިރު މުވައްޒިފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތުމުން އަވަސް އަރުވާލައިގެން ތިން ދުވަހުގެރޭގައި މިވަރުގެ ބޮޑު ރިޕޯޓެއް މަޖިލީހުން ފާސްކޮށްފައިވަނީ އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށަށްގޮސް ގައުމުގެ މާލި ނިޒާމު އެކީ ބިކަވަމުންދާކަމަށެވެ. މިކަންކަމުން އަރައިގަނެވޭނީ ދެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށާއި، މިސަރުކާރުން ދަނީ ޤައުމު އެކީ އިނދަ ޖައްސާލަމުން ކަމަށެވެ.
ކޮމެންޓު ފޮނުވާ