ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ވައްޓާލާއި ރާއްޖެވަނީ އިންޑިޔާގެ ކަރަންޓީން މަރުކަޒަކަށް ހަދާފައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން މިއަދު ދިވެހި ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްވުރެ ބޭރުގެ އެހެން ޤައުމުތަކުގެ މީހުންގެ ސަލާމަތަށް އިސްކަން ދީފައިވާކަމަށެވެ. އިންޑިޔާއަކީ މިވަގުތު ދުނިޔޭގައި އެންމެ ބޮޑަށް ކޯވިޑްގެ ނުރައްކާ އޮތް ގައުމަށްވާއިރު އެޤައުމުގެ މީހުން ބޭރުގެ އެހެން ޤައުމުތަކަށް ދިއުމުގެ ކުރިން ކަރަންޓީންވާ މަރުކަޒަކަށް ރާއްޖެ ހަދާފައިވަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންޑިޔާގައި ނުރައްކާރި ކޯވިޑްގެ މުޅިން އާ ވޭރިއަންޓެއް ފެތުރިގެންދާއިރު އެކަމަށް އެއްވެސް ފަރުވާލެއްނެތި އިންޑިޔާގެ މީހުންގެ ރާއްޖެ ގެނެސް މިވޭރިއަންޓު މިއަދު ރާއްޖޭގައި ނެތެކޭ ދަންނަވަންވެސް ދަތިކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިޔާއިން އެކި ޤައުމުތަކަށް މަސައްކަތުގައާއި އެކި ކަންކަމުގައި ދާމީހުން ކަރަންޓީން ވާ ޤައުމަކަށް ރައްޖެވަނީ ހަފާދަ. އިންޑިޔާގައި މުޅިން އައު ވޭރިއަންޓެއް ފެތުރެމުންދާއިރު، މިއީ ނުރައްކާތެރިކަން އިންތިހާއަށް އޮތް ވޭރިއަންޓެއް. ދިވެހި ރައްޔިތުންނަށްވުރެ ސަރުކާރުން އިސްކަންދެނީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް. ކޯވިޑް އެންމެ ފުރަޔަމަ ފެތުރުނީވެސް ރައީސް ޞާލިހުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. އޭރުވެސް އަޅަންވީ ފިޔަވަޅުތައް އަޅުގަނޑުމެން ކިޔައިދިނިން، ހުށަހެޅިން. ނަމަވެސް އެކަންކަމަށް ސަރުކާރުން އިޖާބައެއް ނުދިން.
– އަބްދުދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއް ރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް އިސްކަން ނުދެވޭ ބަޔަކަށް ރަައްޔިތުންނަށް ހެޔޮ އެދިގެން ކޮށްދެވޭނެ އެއްވެސް ކަމެއް ނުކުރެވޭނެކަމަށެވެ. މިއަދު އަތޮޅު ތެރޭގައި ބަލީގެ ނުރައްކާ އިންތިހާއަށް އޮތްއިރު، މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާތަނެއްވެސް ނުފެންނަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއަދު ކޯވިޑުގެ އިތުރު ނުރައްކަލެއް ޤައުމަށް ކުރިމަތިވުމުގެ ޒިންމާ ރައީސް ޞާލިހުއާއި މިސަރުކާރުން ނަގަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ނުރައްކާ އަތޮޅު ތެރޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު މިހާތަނަށް އަތޮޅު ތެރެއިން 1،100 އަށްވުރެއް މައްޗަށް ވަނީ އަރާފައެވެ. ރަށްރަށުގައި ކޯވިޑަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ނުލިބޭތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ